Last Updated: June 5, 10:59
Friday, June 5, 2026
ޚަބަރު

ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރުން ލަސް

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުން ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީސްކޭމެއް ހިނގާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، އެ ފައިސާ ޖަމާވި އެކައުންޓުން އެކި ގޮތްގޮތުން ނަގާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހންވެ އޭގެ ސަބަބުން ސްކޭމްގެ ޝިކާރައަކަށްވާ މީހާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

ނަވީދު ވިދާޅުވީ ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތައް ސްކޭމަރުންގެ އުކުޅުތަކަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަ ކަމަށެވެ. އަދި ޕިރަމިޑް ސްކީމްތައް ފަދަ ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް ފަރާތްތަކަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ނަވީދު ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ސްކޭމް ކޭސްތަކުގައި ކްރޮސް ޖުރިސްޑިކްޝަން ނުވަތަ ކުށުގެ އަމަލުގައި އެކި ގާނޫނީ އިހުތިޞާސްތައް ޝާމިލުވާ ހާލަތްތަކަކީ، އެފަދަ ކުށްވިޔަ ނުދިމަށާއި މައްސަލަތައް ތަހުގީގުކު ރުމަށް ކުރިމަތިވާ އިތުރު ގޮންޖެހުމެއް ކަމަށެވެ.

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް 2،259 މައްސަލަ ހުށަހަޅާފައިވެ އެވެ. އެ މައްސަލަތަކާ ގުޅިގެން 3،852 އެކައުންޓް ފްރީޒްކޮށްފައިވެ އެވެ. އަދި ހުށަހެޅި މައްސަލަތަކުގައި ހިމެނޭ ޖުމްލަ ފައިސާގެ 40 ޕަސެންޓް އަނބުރާ ވިކްޓިމުންނަށް ހޯދައި ދީފައިވެ އެވެ. އެއީ 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއަކާއި 183 މައްސަލައެއްގައި ހިމެނޭ ފައިސާގެ ތެރެއިން ބައެެކެވެ.

މީގެ އިތުރުން ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ސްކޭމާ ގުޅުން ހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޮޕަރޭޝަންތަކެއް ހިންގާފައިވެ އެވެ. އަދި ދައުވާކޮށް ދިނުމަށް އެދި 10 މައްސަލައެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އެވެ.