Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްޑީޕީގެ ޕޯޑިއަމަކީ ވަކި ބައެއްގެ ހައްގެއް ނޫން: މޫސަ

އެމްޑީޕީގެ ޕޯޑިއަމަކީ ވަކި ބައެއްގެ ހައްގެއް ނޫން ކަމަށާއި އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވުމަކީ ވެސް ވަކި ބައެއްގެ ހައްގެއް ނޫން ކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އޭނަ އެގޮތަށް ވިދާޅުވީ ހޮނިހިރު ދުުވަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަ ކުރަން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ލިބިވަޑައިނުގަތުމުން އެކަމާ ގުޅޭ ގޮތުން އެ މަނިކުފާނު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ.

ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓްގައި ވިދާޅުވެފައި ވަނީ ރޭގެ އުފާވެރި ރޭމ ވަރަށް ހިތްދަތިވެއްޖެ ކަމަށެވެ.

އެކަމާ ގުޅުވައި ރީކޯ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމާއި ރިޔާސީ ކެންޑިޑޭޓް ކަމަކީ ވަކި ބައެއްގެ ޙައްގެއްގެ ގޮތުގައި އޮތް ޒަމާން ބަދަލުވެއްޖެ ކަމަށެވެ.

އަދި ހިތްވަރު ގަދަ މޭޔަރުންނާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ ކާމިޔާބުކުރި އެމްޑީޕީގެ ޒުވާން ޓީމު ކަމަށާއި ކުރިއަށް ވެސް އޮތީ އެމްޑީޕީގެ އާންމު މެމްބަރުންގެ ލޯބި ހޯދައިގެން ހާސިލު ކުރެވޭނެ ލަނޑުދަނޑިތަކެއް ކަމަށް ވިދާޅުވި އެވެ.

ރީކޯ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި އަބްދުލް ގަފޫރު މުހައްމަދު ހުންނަވައިގެން މި އިންތިހާބުތަކަށް ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް ވެސް ފުރިހަމަ ކަމަށް ވެސް ވިދާޅުވެފަ އެވެ.