އެމްޑީޕީގެ އެއްވެސް މެމްބަރަކު އެކަހެރި ނުކޮށް ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފުވައްމުލަކުގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ހޮވުނު އިސްމާއީލް ރަފީގު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އޭނަ މިއަދު ވިދާޅުވީ އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ޕާޓީގެ ސެކްރެޓޭރިއަޓަށް ވެސް ގޮވާލައްވާ ކަމަށެވެ.
އިސްމާއީލް ވިދާޅުވީ މިދިޔަ ހޮނިހިރުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ކެމްޕެއިން ހަރަކާތްތަކުގައި ޕާޓީގެ ލީޑރޝިޕާއި ޚިދުމަތްތެރިން ބައިވެރިވެ ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޚާއްސަކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިން ހާއްސަކޮށް ފާހަގަކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނަށް ފޯރިއާއި ޖޯޝު ގެނެސްދީ އިތުރު ހިތްވަރެއް ގެނެސް ދިނުމުގައި އެ ބޭފުޅުންގެ ދައުރު ވަރަށް މުހިންމު،" އިސްމާއީލް ވިދާޅުވި އެވެ. "ޕާޓީ ކުރިއަށް ދިއުމުގައި އެންމެން ހިމަނައިގެން އެއްވެސް މީހަކު އެކަހެރި ނުކޮށް ކުރިއަށް ދިއުމަކީ މުހިންމު ކަމެއް. އަދި އެކަމަށް އެމްޑީޕީ ސެކްރެޓޭރިއަޓަށް ގޮވާލަން.ޕާޓީ ކުރިއަށް ދިއުމުގައި އެންމެން ހިމަނައިގެން އެއްވެސް މީހަކު އެކަހެރި ނުކޮށް ކުރިއަށް ދިއުމަކީ މުހިންމު ކަމެއް."