Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އަރްބާޒް ޕްރޮޑިއުސްކުރާ ފިލްމެއްގައި މަނީޝާ

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ބަތަލާ މަނީޝާ ކޮއިރާލާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ ފިލްމުގެ ނަމަކީ "ރާޒްދަރު" ކަމަށެވެ. އަރްބާޒް ޚާން ޕްރޮޑަކްްޝަން އިން އުފައްދާ މި ފިލްމުގެ ކާސްޓްގައި މަނީޝާއާ އެކު އަރްބާޒާއި ބުވަން އަރޯރާ ވެސް ހިމެނޭ ކަަމަށެވެ. "ރާޒްދަރު" ގެ މަންޒަރުތަކެއް ވަނީ ބޯޕާލާއި މަދިއަ ޕްރަދޭޝްގެ އިތުރުން މުމްބާއީގައި ވެސް ނަގައިފަ އެވެ.

ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ނުލިބެ އެވެ.

އަރްބާޒާ އެކު މަނީޝާ މަސައްކަތް ކުރަމުން އަންނަ އިރު، އޭނަގެ ބޭބެ ސަލްމާނާ އެކު ވެސް 90 ގެ ތެރޭގައި ވިދި ބަތަލާ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 1994 ގެ "ސަންގްދިލް ސަނަމް" އާއި 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ހިމެނެ އެވެ. މަނީޝާ އާއި އަރްބާޒް އެކީގައި 2005 ގެ ފިލްމު "ތާޖު މަހަލް: އޭން އިޓާނަލް ލަވް ސްޓޯރީ" އިން ފެނިފައިވެ އެވެ. އޭގައި އެ ދެ މީހުންނަކީ ދެބެއިންނެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މަނީޝާ، 55، އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ކާތިކް އާރިއަންގެ 2023 ގެ "ޝެހެޒާދާ" އެވެ. އަދި ހުނަރުވެރި ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2024 ގައި ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިންނެވެ.

އަރްބާޒް ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ދަބަންގް" ފްރެންޗައިޒާއި "ޑޯލީ ކީ ޑޯލީ" އާއި "ޕަޓްނާ ޝުކްލާ" އަދި "ބަންދާ ސިންގް ޗައުދަރީ" ހިމެނެ އެވެ.