ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގެނުމުގެ އައު ފުރުޞަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ އެހީތެރިކަމާ އެކު އަމީނިއްޔާ ސްކޫލުގައި "އައިވޮންޑަ" ގެ ނަމުގައި ޒަމާނީ ސެންސަރީ ކްލާސްރޫމެއް ގާއިމުކޮށްފި އެވެ.
މި ކްލާސްރޫމަކީ އެފަދަ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ތަރައްގީ އަށް އެންމެ އެކަށީގެންވާ ގޮތަށް، ކިޔެވުމަށް ލޯބިޖެހޭނެ ފަދަ އުފާވެރި މާޙައުލެއް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެއް ކަމަށް ބޭންކުން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ކްލާސްރޫމް އެއްކޮށް މަރާމާތުކޮށް، ކިޔަވައި ދިނުމަށް ބޭނުންވާ އެންމެހާ އާލާތްތަކާއި ޒަމާނީ ވަސީލަތްތައް ހޯދައި ދީފައި ވަނީ ސީދާ ގައުމީ ބޭންކް ހިލޭ އެހީގެ ދަށުންނެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި މިހާރު ވެސް 170 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
ބީއެމްއެލުން ބުނީ ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތަޢުލީމީ ވަސީލަތްތައް ފޯރުކޮށް ދިނުމަކީ އެ ބޭންކުން އަބަދުވެ ސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން މީގެ ކުރިންވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން އިމާދުއްދީން، ހިރިޔާ، ސަލާހުއްދީން، ވޭމަންޑޫ އަދި ގާފަރު ސްކޫލުގެ ސެން ކްލާސްތައް ތަރައްޤީކުރުމަށް އެހީތެރިވެދީފައިވާއިރު، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ 40 އަށްވުރެ ގިނަ ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ މުހިންމު އާލާތްތައް އެ ބޭންކުން ވަނީ ހަދިޔާކޮށްފައެވެ.