Last Updated: June 6, 11:50
Saturday, June 6, 2026
ކުޅިވަރު

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ސައްޔިދަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓަކަށް ހުނަރުވެރި ޒުވާން ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން ހޮވިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ ސްކޮލަރޝިޕްގެ ދަށުން ސައްޔިދުގެ ޓްރެއިނިން ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައި ކަމަށެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެ ކަމަށާއި މުބާރާތާއި ޓްރެއިނިން އަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލާޝިޕްގެ ދަށުން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމްއަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ. ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.