Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޑީސީޕީ ފަރުހާދަށް ރިޓަޔާކުރަން އަންގާފައެއް ނުވޭ

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ޑީސީޕީ ފަރުހާދަށް ރިޓަޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ފަރުހާދު ފިކުރީ މިހާރު ވެސް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި، މުއައްސަސާގެ ހިދުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު މި ފަހުން ހުސްކޮށް އޮތްއިރު ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވީ ފިކުރީ އެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށްވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވީ އަހްމަދު މުޙައްމަދު (ޓޫފޯ) އެވެ.