ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ 'މަޖުނޫނު' ގެ ނަމުގައި މިއަދު އާ ފިލްމެއް އިއުލާންކޮށްފި އެވެ.
އެ ފިލްމުގެ ޓައިޓްލް ޕޯސްޓަރާ އެކު އޭނަ ވަނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހު ވެސް ހާމަކޮށްފަ އެވެ. ލޯބީގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ގެނެސްދޭން ނިންމާފައިވާ 'މަޖުޖޫނު' ރިލީޒް ކުރަން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 26 އެވެ.
'މަޖުނޫނު' އިއުލާންކުރި ނަމަވެސް މީގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ނަހުލާގެ އެންމެ ފަހުގެ ފިލްމަކީ އޭނަގެ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި މިދިޔަ އަހަރު ގެނެސްދިން 'ސޮރީ' އެވެ. އޭގެ ލީޑް ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ވާޝިޔާ މުހައްމަދެވެ.
ނަހުލާ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތައް ކަމަށްވާ 'ކަލާޔާނުލާ' އާއި 'ޒުލޭހާ' އަދި 'ޔޫސުފް' ފަދަ ފިލްމުތައް ގެނެސްދިން، ރާއްޖޭގެ ފިލްމީ ދާއިރާގައި ހުރި އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރެވެ.