Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ލަދުވެތި ނުވާ ނަމަ ހިތުހުރި ކަމެއް ކުރާށެވެ!

ކޮންމެ ފަރުދަކަށާއި ޢާއިލާއަކަށް އަދި މުޅި މުޖުތަމަޢަށް މުހިންމު ހެޔޮ އަސަރުތަކެއް ކުރުވާ އަޚްލާޤީ ޞިފައެކެވެ. ކޮންމެ މީހަކަށް ވެސް މިޞިފަ ބޭނުންވެގެންވެ އެވެ. އަދި ކޮންމެ ޢާއިލާއެއްގެ ތެރޭގައި ވެސް މި މަތިވެރި އަޚްލާޤީ ޞިފަ އަށަގެންނެވުން މުހިންމެވެ. އަދި ކޮންމެ މުޖުތަމަޢެއްގެ ބިންގަލަކީ މިޞިފަކަމުގައި ހެދުން މުހިއްމެވެ. މިޞިފަ ނެތިއްޖެ ނަމަ އެތައް ޒުވާނުންނެއް ނެތި ފަނާވެގެން ހިގައިދާ ނެއެވެ. މިބަހަށް ހެކިދޭ ޙަޤީޤީ މިސާލުތައް އަޅުގަނޑުމެންގެ ލޯތަކުގެ ކުރިމަތިން ތަމްސީލުވަމުން ދެ އެވެ.

ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ވަރަށްގިނަ މަޤާމްތަކުގައި މި މަތިވެރި ޞިފައިގެ ވާހަކަ ބަޔާން ކުރައްވާފައިވެ އެވެ. އެކަލޭގެފާނުގެ މިފަދަ ނަބަވީ އިރުޝާދުތަކުން ވަރަށް މަތިވެރި މާނަތަކެއް އަޅުގަނޑުމެންނަށް ނެގިދާނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އީމާންކަމުގެ ބައިތައް ފަސްދޮޅަސް ކޮންމެވެސްވަރެއްކަމުގައި ނުވަތަ ހަތްދިހަ ކޮންމެ ވެސް ވަރެއްކަމުގައިވެ އެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ﷲފިޔަވައި އެހެންކަލަކު ނުވާކަން ޤަބޫލުކުރުމެވެ. އޭގެ އެންމެ ދަށު މިންވަރަކީ މަގުމަތިން ގެއްލުން ދުރުކުރުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ.” އީމާންކަމުގެ ވާހަކައިން ޙަދީޘްކުރައްވާ ހިނދު ލަނދުވެތިކަން ހަނދުމަކޮށްދެއްވައެވެ.

އަދިވެސް ޙަދީޘްކުރެއްވިކަމުގައި އިބްނު ޢުމަރު ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އީމާންކަމާއި ލަދުވެތިކަމަކީ ޖޯޑެކެވެ. އެއިން އެކަތި މަދުވެއްޖެނަމަ އަނެކަތިވެސް ނެތިދެއެވެ.” އަދި ޢިމްރާން ބިން ޙުޞައިން ކިބައިން ރިވާވެގެންވެއެވެ. ކައުއިތުރު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “ލަދުވެތިކަމަކީ މުޅިންވެސް ހެޔޮކަމެވެ.” އަދިވެސް މިފަދަ ބަސްފުޅެއްގެ މާނައިގައިވެއެވެ. “މީސްތަކުން ނަބީކަމުގެ ބަސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދެނެގަތް ބަހަކީ:ކަލޭ ލަދުނުގަންނަނަމަ ކަލޭ ހިތުހުރިކަމެއް ކުރާށެވެ.” މިބަހެވެ.

ލަދުވެތިކަމުގެ މުހިންމުކަން ބަޔާންކޮށްދޭ ޙަދީޘްތަކުގެ ގިނަކަން ތަޞައްވަރުކުރެވިއްޖެތޯއެވެ؟ އަދި އިތުރު މާތް ނަބިއްޔާއަކީ މިކަމުގައި އަޅުގަނޑުމެން އިޤުތިދާވުން ވާޖިބުވެގެންވާ މިސާލެވެ. ބުޚާރީއާއި މުސްލިމް ރިވާކުރައްވާގޮތުންނަމަ އެކަލޭގެފާނުގެލަދުވެތިކަން ކޮޓަރީގައި އިންނަ ރީތި އަންހެންކުއްޖާގެ ލަދުވެތިކަމަށްވުރެ މާބޮޑެވެ.

އީމާންކަމުގެ ބައިތަކުތެރެއިން ލަދުވެތިކަން ވަކިން ފާހަގަކުރެއްވީ ކީއްވެ؟ އީމާންކަމުގެ އެހެނިހެން ބައިތައް ކޮބާ؟

މިބަސްފުޅުގެ މަޤްޞަދަކީ އީމާންކަމުގެ އެހެންބައިތައް ގެނެސްދެނީ ލަދުވެތިކަންކަމުގައި ބަޔާންކުރެއްވުމެވެ. ޖަވާމިޢުލްކަލިމްގެ ވެރިނަބިއްޔާ އީމާންކަމުގެ ބައިތައް ހޯދައިގަންނާނެގޮތް ބުނެދެއްވާފަދައެވެ. އެއީ ލަދުވެތިކަމުން ހޯދައިގަތުމެވެ. ތިބާގެ ކިބައިގައި ލަނދުވެތިކަމުގެ ޞިފަ އަށަގެންފައިވާނަމަ ދޮގުނަހަދާނަމުއެވެ. ޣީބަނުބުނާނެއެވެ. އަދި ތިބާ ލަދުގަންނަނަމަ ތިބާގެ މައިންބަފައިންނަށް ނުކިޔަމަންތެރިނުވާނަމުއެވެ. ނަމާދު ދުލެއްނުކުރާނަމުއެވެ. އަދި ތިބާ ލަދުވެތިވާނަމަ ތިބާގެ ދީނުގެ އުޞޫލުތަކާ މެދު ފަޚުރުވެރިވާނަމުއެވެ.

ލަދުވެތިކަމުގެމާނައަކީ ކޮބާތޯއެވެ؟ ދިރިއުޅުމާއި ލަދުވަތެކިމާހުރި ގުޅުމަކީ ކޮބައިތޯއެވެ؟

ޙަޤީޤަތުގައި ލަދުވެތިކަމާއި ދިރިއުޅުމުގެ ގުޅުމަކީ ޢަޖައިބުކުރަނަވި ގުޅުމެކެވެ. ލަދުވެތިކަން ތިބާގެ ކިބައިގައި އިތުރުވި މިންވަރަކަށް ތިބާގެ ދިރިއުޅުން ތިޔާގިވާނެއެވެ. ފުރިހަމަވާނެއެވެ. ދިރިއުޅުން އެންމެ ފުރިހަމަ މީހުންނަކީ އެބައިމީހުން ކިބައިގައި ލަދުވެތިކަން އެންމެ ފުރިހަމަ މީސްމީހުންނެވެ.

ލަދުވެތިކަމުގެ ޞޫރަތައް ގިނައެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދީންއެކީ ވަނީ ލަދުވެތިކަމުންނެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ނަބިއްޔާގެ ބަސްފުޅުން ދޭހަވާފަދައިންނެވެ. އެބަސްފުޅުގެ މާނައަކީ “ކޮންމެ ދީނަކަށްވެސް ޚުލްޤެއް(އަޚްލާޤީ ޞިފައެއް) ލިބިގެންވެއެވެ. އިސްލާމްދީނުގެ ޚުލްޤަކީ ލަދުވެތިކަމެވެ.”

ލަދުވެތި ކަމަކީ ކޮބާ؟

ޢިލްމުވެރިން ވިދާޅުވާ ގޮތުން ނަމަ އެއީ އެޞިފައެއްގެ ސަބަބުން ހަޑި ޢަމަލުތައް ކުރުމާ ދުރުކުރުވާ ޞިފައެކެވެ. އެބޭފުޅުން ލަދުވެތިކަމުގެ ތަޢުރީފެއްގެ ގޮތުގައި ވިދާޅުވާ ތަޢުރީފަކީ އަންނަނިވި ތަޢުރީފެވެ. ލަދުވެތިކަމަކީ އެކަމުގެ ސަބަބުން ހަޑިމުޑުދާރު ޢަމަލުތަކާ މީހާ އެކީ ދުރުކުރުވާކަމެވެ. ތިބާއަށް ނުބައިކަންކަން ކުރުމަށް ކުޅަދާނަކަން ނުލިބޭ ޙާލަތެއް އަތުވެއްޖަ ނަމަ އެޙާލަތުއައީ ތިބާގެ ލަދުވެތިކަމުގެ ސަބަބުންނެވެ.

ލަދުވެތިކަމާއި ޖެހިލުންވުމުގެ (ފިނޑިކަމުގެ) ތަފާތަކީ ކޮބާ؟ (މިތާގައި މިބަޔާންކުރެވޭ ޖެހިލުންވުމަކީ ނުކުޅެދުންތެރިވުމެވެ. ފިނޑިވުމެވެ.)

ވަރަށް ގިނަ ބަޔަކު ހީކުރާ ގޮތުގައި ލަދުވެތިކަމާއި ފިނިޑިކަމަކީ އެއްކަމެކެވެ. ނުވަތަ ޖެހިލުންވުމަކީ ލަދުވެތިކަމުގެ ބައެއްކަމަށް ހީކުރެއެވެ. އެހެންނަމަވެސް ޙަޤީޤަތުގައި ނުކުޅެދުންތެރިކަން ނުވަތަ ޖެހިލުންވުމަކީ ލަނދުވެތިކަމުގެ އިދިކޮޅެވެ. އެއީ ޝަޚްޞިއްޔަތުގައި އުނިކަމެއް ހުރުމެވެ. އެއީ އެޞިފައިގެ ސަބަބުން އޭނާއަށް އޭނާ އެހެން މީހުންނަށް ވުރެ ނިކަމެތި ކަމުގައިހީވާތީއެވެ. އަދި ނުބައި ކަމެއް އެބައިމީހުންގެ ކިބައިން ނުހިނގިޔަސް އެމީހުންނާ ކުރިމަތިލުމުގެ ކުޅަދާނަކަން ޖެހިލުންވާ މީހާއަށް ލިބިފައިނުވެއެވެ.

މިކަމަކީ މުޅިން ލަނދުވެތިކަމާ ތަފާތުކަމެކެވެ. ލަނދުވެތިކަމަކީ ނަފްސުގެ މަތިވެރިކަމާ ގުޅިފައިވާކަމެކެވެ. އަހުރެންގެ ނަފްސުގެ ޢިއްޒަތް މަތިވެރިވެ، އުފުލުނު މިންވަރަކަށް ނުބައިކަންތައްތައް ކުރުމަށް ލަނދުވެތިވާނެއެވެ. ލަނދުވެތިވާ މީހާ ޒިނޭކުރަން ލަނދުވެތިވެއެވެ. އަދި ދޮގުހަދަން ޖެހިލުންވެއެވެ. އެއީ އޭނާގެ ނަފްސުއެފަދަ ނުބައި ކަންތައްތަކެއްގެ ތެރަށް ވެއްޓުމަށް ބޭނުންނުވާތީވެއެވެ. އެކަމަކު ޖެހިލުންވާ މީހާއަށް މީހަކަށް ނުފެނި މިފަދަ ކަމެއްކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ އެކަމެއްކުރާނެއެވެ.

އަދި ޙަޤީޤަތުގައި އަޅުގަނޑަށްވަނީ އިސްލާމީ މުހިންމު ޝަޚްޞިއްޔަތެއްގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ފޯރައިފައެވެ. އެއީﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢުޘްމާން ބިން ޢައްފާންގެ މަތިވެރި ޝަޚްޞިއްޔަތެވެ. އެކަލޭގެފާނަށް ލަދުވެތިކަމުގެ މަތިވެރި ޞިފަލިބިވަޑައިގެންފާވާ މިންވަރުގެ ސަބަބުން ކައުއިތުރު ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.” އެކަލޭގެފާނުގެ ލަނދުވެތިކަމުގެ ގަދަކަމުން މަލާއިކަތުން އެކަލޭގެފާނާމެދު ލަދުވެތިވެއެވެ.” އިމާމް އަޙްމަދު- އަޅުގަނޑު އެދެނީ،މަލާއިކަތުން އެބޭކަލަކާމެދު ލަދުވެތިވަޑައިގަންނަވާ މިކަލޭގެފާނާއި އަޅުގަނޑު ސުވަރުގޭގައި އެއްތަންކުރެއްވުމެވެ. އެހެންނަމަވެސް މިކަލޭގެފާނުގެ ލަދުވެތިކަމުގެ ސަބަބުން އެކަލޭގެފާނުގެ ޙައްޤު ހޯއްދެވުމަށް މަސައްކަތް ނުކުރައްވައި ނުހުންނަވައެވެ. އަދި މިޞިފަ އެކަލޭގެފާނުގެ ޙައްޤު ހޯއްދެވުމަށް ހުރަސްވެސް ނާޅައެވެ. އަދި މިއީ ނުކުޅެދުންތެރިކަމާއިޖެހިލުންވުމުގެ އިދިކޮޅެވެ. ޖެހިލުންވާމީހާ އޭނާގެ ޙައްޤު ހޯދާކަށް ނޫޅޭނެއެވެ.

ދެން ތިޔަ އަރިސްތަކާއިގެން އެހެން ނުކުތާއަކަށް ޖެހިލާނަމެވެ.

ލަދުވެތިކަމަކީ އުފަންވުމުގައި ފިޠުރަތުގައި ހިމެނޭ ޞިފައެއްތޯ ނުވަތަ މަސައްކަތުން ހޯދައިގަނެވޭނެ ޞިފައެއްތޯއެވެ؟

އާއެކެވެ. އަހަރުމެން އުފަންވާއިރު ފިޠުރަތުން ބައެއް ޞިފަތައް ލައްވައެވެ. މިކަމާބެހޭ ވަރަށް ފުރިހަމަ ނަބަވީ އިރުޝާދެއް ހަދާންވެއެވެ. އެބަސްފުޅުގެ މާނައަކީ: “ޢިލްމުވެރިވެވޭނީ ޢިލްމު ހޯދައިގަތުމުންނެވެ. އަދި ޙިލްމުވެރިވެވޭނީ ޙިލްމުވެރިވުމުންނެވެ.”

މަސައްކަތުން ހޯދައިގަނުގަނެވޭނެ އެއްވެސް ޞިފައެއްނެތް ކަމުގައި ނަބިއްޔާ އިރުޝާދު ދެއްވާފަދައެވެ. ކެތްތެރިވާން ފެށިމާ ތިބާއަށް ކެތްތެރިކަން ދަސްވާނެއެވެ. އަދި ތިބާއަކީ ދޮގުހަދާމީހެއްނަމަ މަސައްކަތުން ތެދުހަދަން ދަސްކުރެވިދާނެއެވެ. ހަމައެފަދައިން ލަދުވެތިވުމުގެ ޞިފަ ތިބާގެ ކިބައިގައި ނެތްނަމަ މަސައްކަތުން ތިބާއަކީ ލަދުވެތިވާ މީހެއްކަމުގައިވެވިދާނެއެވެ. ….އަހަރުމެންނަށް ކައުއިތުރު ރަސޫލާގެ ޞަޙާބީންގެ ކިބައިން އުގެނިގަތުން ފުދެއެވެ. އެބޭކަލުން އިސްލާމްވެވަވަޑައިގަތުމުގެ ކުރިންތިއްބެވި ގޮތް ފަހުން ތިއްބެވި ގޮތާވަރަށް ތަފާތެވެ. އެހެން ނަމަވެސް އިސްލާމްވެވަޑައިގަތުމަށް ފަހު މިދީނާއި ގުޅިވަޑައިގެން މި ދީނުގެ އަޚްލާޤުން ޒީނަތްތެރިވެވަޑައިގެންނެވި އެވެ.

ޙަޤީޤީ ވާހަކައެއް

ޙަޤީޤީ އުފާވެރިކަން ވަނީ މާތް ﷲ އަށް ކިޔަމަންވުމާއި އެކަލާގެއާ މެދު ލަދުވެތިވުމުގަ އެވެ.

އަހަރެންގެ ނަމަކީ ޝަރީފެވެ. އެންމެ ނުބައި ގޮތުން އެންމެ ރަނގަޅު ހެޔޮގޮތަށް އަހުރެން ބަދަލުވީ ގޮތުގެ ވާހަކަ ކިޔައިދޭނަމެވެ. އެންމެ ފުރަތަމަ އަހަރެން ދިރިއުޅުނީ އެހެން ޒުވާނުންނެކޭ އެއްފަދައިންނެވެ. ވިސްނުމާއި ފިކުރުކުރުމެއް ނެތް “ހާސްކަމެއް ނުވާ” ދިރިއުޅުމެކެވެ. އަހަރެން ބޭނުން ކޮންމެ ކަމެއް އަހަރެން ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ކުރަމެވެ. ފަހަރެއްގައި އަރެންގެ ތަރުބިއްޔަތުގެ ފެށުމަކީ އިސްލާމީ ތަރުބިއްޔަތުކަމުގައި ވެދާނެއެވެ.

އަހަރެންގެ ޢާއިލާއަކީ ދީނަށް ރައްކާތެރިވާ ޢާއިލާއެކެވެ. އަހަރެން ބޮޑުވަންދެން އަހަންނަށް ދަސްކޮށްދީފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަންފަދަ ޞިފަތަކެވެ. ނަމާދު އަދާކުރުން މަތީ ދެމިހުރުމެވެ. މިފަދަ ހެޔޮ ކަންކަމެވެ. އެހެންނަމަވެސް ބޮޑުވުމާއެކު އަހަރެންގެ އުޅުން ބަދަލުވާންފެށިއެވެ. ބައިވަރު ކަންތައްތަކެއްގެ ސަބަބުންނެވެ. އެކަންކަމުގެ ތެރޭގައި އަހަރެންގެ ކިޔެވުން ހިމެނެއެވެ.

އަހަރެން ކިޔަވަމުން އައީ ބަސްތަކާ ބެހޭ މަދުރަސާއެއްގައެވެ. ދެޖިންސުގެ ކުދިންނަށް އެކީ ކިޔަވައިދޭ މަދުރަސާއެކެވެ. އެތާގައި ކިޔަވާކުއްޖާ ކޮންމެ ކަމެއްވެސް ކުރަންވީއެވެ. މިސާލަކަށް ބުނާނަމަ މުދައްރިސަށް އުދަގޫކުރަނީއެވެ. އަންހެންކުދިންނާނަހަމަ ގުޅުންތައް ހިންގަނީއެވެ. އަދި ބޭނުން ކޮންމެ އެއްޗެއް ބޭނުންކުރަންވީއެވެ. މިއުޅުމަކީ މިމަދުރަސާގައި ލޯބިކުރެވޭ އުޅުމެވެ. އެއުޅުމަކަށް ބާރުދެވޭ އުޅުމެވެ. އަހަރެން މަދުރަސާގައި ކުރިޔަށް ދިޔައީ މިމަގުންނެވެ. ޔުނިވަސިޓީ ޙަޔާތުގެ ދުވަސްތައް ނިމިދިޔައީ ވެސް މި ގޮތުގަ އެވެ.

މީހަކަށް ތަޞައްވަރުކުރެވޭނެ ހުރިހައި ނުބައިކަންތައްތަކެއް އަހުރެންކުރީމެވެ. އަދި އަހަރެންގެ ޢާއިލާއާއި ފުލުހުން ރުޅިއަރާނެހާ ކަމެއް އަހުރެން ކުރީމެވެ. މިމަގުގައި ޙަޤީޤީ އަރާމެއް އުފަލެއްނުވެ އެވެ. އަހަރެން ނިދައިފައި ވަނިކޮށް އަހަރެންގެ އަޖަލު ހަމަވެދާނެތީ އަހަރެން ބިރުވެތިވީމެވެ. އެއިރުން އަހަރެން މަރުވާނީ ކުށްފާފައިގެ މަތީގައެވެ. އެއިރު އަހަރެން ހުރި ނުބައި ގޮތުގެ މަތީގައެވެ.

އެހެން ނަމަވެސް އެއިގެ ފަހުން ޙަޔާތާމެދު ވިސްނައި އަމިއްލަ ޢަމަލުތައް މުރާޖަޢާކުރަން މަޖުބޫރުކުރުވާ ފަދަ ބައިވަރުކަންކަން ދިމާވާންފެށިއެވެ. މިސާލަކަށް ބުނާނަމަ އަހަންނާއި އަހަރެންގެ ރަޙުމަތްތެރިޔަކާ ދެމީހުން ކާރު ދުއްވަނިކޮށް އެކްސިޑެންޓްވިއެވެ. އެއެކްސިޑެންޓަކީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެކެވެ. އަހަރުމެން މަރުނުވީ ހަމަކިރިޔާއެވެ. އެތައް އޮޕަރޭޝަނަކަށް ފަހު މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން ދެމީހުން ސަލާމަތްވިއެވެ. މިކަންތަކަށް ފަހު އަހަރެންގެ ބައްޕަ އަހަރެންނާވަކިން ބައްދަލުކޮށް ބުންޏެވެ. “ކަލޭގެ ސަބަބުން ތިމަންއަށް އެއްވެސް ފައިދާއެއް ނުވި އެވެ.

ކަލޭ ހެޔޮ ގޮތުގައި އުޅެއްޖެނަމަ އެކަމުގެ ހެޔޮކަން ހުރީ ކަލެއަށެވެ. ނުބައިކޮށް އުޅޭނަމަ ކަލޭ މަރުވާނީ އެނުބައި ގޮތުގެ މަތީގައެވެ.” އެބަހަށްފަހު ރަނގަޅުވެވޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު އެގޮތުގައި ހިފަހައްޓާލެވުނީ އެންމެ ތިންމަސްދުވަހެވެ. އެހެނީ އަހަރެންގެ އެކުވެރިންނަކީ ހައްތާވެސް އަހަރެންކަހަލަ މީހުންނެވެ. އެމީހުންގެ ސަބަބުން އަނެއްކާވެސް މަގު އޮޅުނީއެވެ. ގޯސް މަގުތަކުން ދާން ފެށުނީއެވެ.

އެއިގެ ފަހުން އެތައް ޙާދިސާތަކެއް ހިނގިއެވެ. ﷲ އަހަންނަށް އިންޒާރު ކުރައްވާ ފަދައެވެ. ކާރު އެކްސިޑެންޓެއްގައި އަހަރެންނާ އެއްޢުމުރެއްގެ އެކުވެރިއަކު މަރުވިއެވެ. ޠަބީޢީ ހާލަތް ނޫން އެހެން ޙާލަތެއްގައި ހުރެ އެކަކު ވަޅަކަށް ވެއްޓި މަރުވީއެވެ. އަދި އަނެކަކު މަޖާކުރަމުން ގޮސް އޭނާގެ އަމިއްލަ ނަފްސު މަރައިލީއެވެ.

އަހަރެންގެ ގާތް މީހަކު މަރުވާ ކޮންމެ ފަހަރަކު ހިތަށް އަރަނީ ދެން މަރުވާނީ އަހަރެންކަމުގައެވެ. އަހަރުމެންގެ ތެރެއިން އެކަކު ޑްރަގު އޯވަރ ޑޯސްވެގެން މަރުވަންދެނެވެ. އޭނާއަކީ އަހަރެމެންގެ ތެރެއިން އެންމެ ވަރުގަދަ މީހާއެވެ. އަދި އޭނާގެޕޯސްޓުމޯޓަމް ހަދާ ތަނަށް ދިޔަވަގުތު އޭނާ ގަބުކައިފައިވާތަން ދެކުނީމެވެ.

އޭނާގެ ގުނަވަންތައް ބުރިކޮށް ފަޅައި ހެދިއިރު އެއްވެސް ރައްދެއްނުދެއެވެ. ދެކޮޅު ހަދައިނުލެވުނުތާގައި ހިރިވެސް ނުލެވުނެވެ. އަދި އެއިންކަމެއް ހުއްޓުވުމަކަށް އެދުވަހު އޭނާއަކަށް ކުޅަދާނަކަން ނުލިބުނެވެ. އެވަގުތު އަހަންނަށް ވަރަށް ބިރުވެރި އިޙްސާސްތަކެއް ކުރެވުނެވެ. އޭނާއާއި ޙިސާބުގެމަލާއިކަތުންނާ މެދު އެއިރު ހިގަމުންދާނެ ކަންކަން ހިތަށް ގެނެވުމުންނެވެ. އަހަރެން ދެން ނިންމީ އަހަރެންގެ ނަފްސް ނުބައިކަންކަމުން ސަލާމަތްކޮށް، ﷲގެ ފަރާތުން އަންނަ އިންޒާރުތަކަށް ސަމާލުކުރުވުމަށެވެ. އެއާއެއްގޮތަށް ފިޔަވަޅު އަޅާށެވެ.

އަދި ރަނގަޅު އެކުވެރިން ކޮޅަކާއެކީ ބޭރަށް ދާން ފެށީމެވެ. އެމީހުން ކޮންމެ ހޯމަދުވަހެއްގައި ކޮންމެވެސް މިސްކިތަކަށްދަރުސް އަޑު އަހައިލަން ދެއެވެ. އެންމެ ފުރަތަމަ މިދަރުސްތައް އަޑުއެހުމާ އަހަރެން ދެކޮޅު ހެދީމެވެ. އެމީހުންނާއެކީ އެއްދަރުސަށް ދިއުމުގެ ކުރިން އަހަރެން އެއެކުވެރިންނާ މެދު ހީކުރީ އެންމެ ރަނގަޅުގޮތަކަށް ނޫނެއެވެ.

މިއީ އަހަރެން ޙަޔާތުގެ ބަދަލުވުމުގެ ފެށުމެވެ. އަހަރެން އިޞްލާޙުވުމުގެ ކޮޅުމައްޗެވެ. އަހަރެން ވިސްނިގޮތާ ޚިލާފަށްއެމީހުންވީ ހެޔޮ ރަނގަޅު ޒުވާނުންތަކެއްކަމުގައެވެ. އަހަރެން އެންމެ ފުރަތަމަ ދިޔަ ދަރުސްގައި ނަޞޭޙަތް ދެއްވީ ހިތްޕުޅު ހެޔޮ ޝައިޚެކެވެ. ހުރިހާ ވަގުތެއްގައިވެސް ހިނިތުންވެލައްވައެވެ. އަދި ސީރަތުގެ ބައިތަކާއި ނަބަވީ އިރުޝާދުތައް ޝަރަޙަކުރައްވައެވެ. އަދި ޤިޔާމަތުގެ ގޯތި ޞިފަކުރައްވައެވެ. މަރާއި އަލުން ދިރުއްވުމާއި ޙިސާބުބެއްލެވުމުގެ ވާހަކަތައް ކިޔައިދެއްވިއެވެ. މިހުރިހާކަމަކީވެސް އަހަރެންގެ ޙަޔާތް އެއިރު އޮތް ފައްތަރާއި ނަފްސުގެ ޙާލަތާ ގުޅުންހުރި ކަންކަމެވެ.

އަހަރެންނަށް އޭނާގެ ސަބަބުން ވަރަށް އަސަރުކުރިއެވެ. އަހަރެން ނިންމީ މިވާހަކަތަކަކީ ހަމައެކަނި އަޑު އަހާލާ ވާހަކަތަކަކަށް ނުހެދުމަށެވެ. އެއަށް ޢަމަލުކުރުމަށެވެ. އަހަރެންގެ އެކުވެރިން އަހަންނަށް އެއަށްފަހު ރަނގަޅުއެހެންޒުވާނުންތަކެއް ތަޢާރަފުކޮށްދިނެވެ. އެމީހުން ކުޅެންވެސް ދެއެވެ. އަދި ދަރުސްތަކަށް ގޮސް ނަމާދުކޮށް އުޅެއެވެ. އަދި ރޭގަޑު ކައިއުޅެނީ އެންމެން އެކީގައެވެ. އެމީހުންގެ ދިރިއުޅުން ވަރަށް ރީތިކަމުގައި އަހަންނަށް ފެނުނެވެ. އަދި ހީކުރިގޮތަށް އެމީހުންގެ ޙަޔާތަކީ ފޫހި ދިރިއުޅުމެއް ނޫންކަން އަހަންނަށް އިނގުނެވެ.

އެމީހުން ނަމާދު ކުރާފަދައިން ކުޅެމަޖާ ކުރެ އެވެ. އަދި ހުސްވަގުތުތައް ރަނގަޅުގޮ ތުގައި ހޭދަކުރެއެވެ.

އަހަރެން އެމީހުންފަދައިން ވުމަށް ނިންމީމެވެ. އެހެނީ އަހަރެންނަކީ އެމީހުންނަށް ވުރެ ދެރަ މީހަކީމެއްނޫނީމުއެވެ. ދަރުސްތައް އަޑުއަހައި ޤުރުއާން ކިޔަވަން ފަށައިފީމުއެވެ. އަހަރެން އުޅެންވީ ރަނގަޅުގޮތް އަހަންނަށް ފެނުނެވެ. އަދިއެގޮތަށް އުޅުމަކީ ދަތިކަމެއް ނޫންކަން ވެސް އިގުނެވެ. އަދި މިއީ އަހަރެމެންނަށް ﷲ ބޭނުންވެ ވޮޑިގަންނަވާ ދިރިއުޅުންކަން އެނގުނެވެ.

އަހަރުމެން ދިރިއުޅެން ވާނީ ކޮންމެ ވަގުތެއްގައި ދުނިޔޭގެ ދަންފަޅި ހަމަކުރަން ޖެހުނަސް މާތްﷲއާ ބައްދަލުކުރުމަށް ތައްޔާރަށް ތިބޭ ބައަކަށެވެ. މާތްﷲއާ ބައްދަލުކުރުމަށް ލޯބިކޮށްފި މީހަކާ ބައްދަލުކުރެއްވުމަށް ﷲ ލޯބިކުރައްވާނެއެވެ. އަހަރުމެން ކުރެ ﷲއާ ބައްދަލުކުރަން ލޯބިކުރަނީ ކާކުބާ؟ އެކަކުވެސް މަރަށް ލޯބި ނުކުރެއެވެ. މަރުގެ ވާހަކަ އަޑެއް ނުއަހައެވެ. އެކަކުވެސް މަރާމެދު ނުވެސްވިސްނައެވެ.

މި ވާހަކައާ މެދު ވިސްނައިފި ނަމަ ތިބާއަށް މީ ރަނގަޅު ވާހަކަކަން އިނގޭނެއެވެ. އަދި ﷲ އެދިވަޑައިގަންނަވާ ގޮތަކީ މީކަން އެގޭނެއެވެ.

ދެން އޮތީ އަނެއްކާ ވެސް އަހަރެންގެ ވާހަކައެވެ. އަހަރެން އިޞްލާޙުވުމަށްފަހު އަހަރެން ކޮލެޖް ތަޢުލީމު ފުރިހަމަކޮށްފީމެވެ. މިޞްރުގެ އެކައުންޓުގެ މަސައްކަތްކުރާ ބޮޑު އޮފީހެއްގައި އަހަރެން އުޅުނީމެވެ. އެއަށްފަހަ އެތަނުން ކެޑިއްޖައިމެވެ. ދެން އަދި އަހަރެން އެހެން ބޮޑު ކުންފުންޏެއްގައި މަސައްކަތްކުރަން ފެށީމެވެ. މިހާރު އަހަރެން މިވަނީ މެދުއިރުމަތީގައި އެކުންފުނީގެ މެނޭޖަރުގެ މަޤާމަށް ޕްރޮމޯޓްކުރެވިފައެވެ. މިއީ ﷲގެ ދީލަތިވަންތަކަމެވެ. އަދި އެކަލާނގެ އަހަންނަށް އީމާންކަމުގެ ނިޢުމަތް ދެއްވިއެވެ.

މާތްﷲ ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. “ﷲއަށް ތަޤްވާވެރިވާ މީހާއަށް ކޮންމެކަމަކުންވެސް ފަސޭހަމަގު ތަނަވަސްކޮށްދެއްވައެވެ.” (ޠަލާޤް 2)

އަހަރެންގެ ތަޖުރިބާގެ ޚުލާޞާއަކީ ޙަޤީޤީ އުފާވަނީ މާތްﷲއަށް އީމާންވުމާއި އެކަލާނގެއާ މެދު ލަދުވެތިވުމުގައެވެ. އަދި ރަނގަޅު ޞާލިޙް ކޮންމެ މީހަކުވެސް ވާންވާނީ އެންމެ ފުދުންތެރި މީހުންގެތެރެއިންނެވެ.

އަޅުގަނޑުމެންގެ ޒުވާން މުޖުތަމަޢިން ފެންނަ ލަދުކުޑަކަމުގެ ބައެއް މިސާލުތައް: (އަޅުގަނޑުމެން އެދެނީ ޒުވާނުން ވިސްނައި މިކަންކަމާ ދުރުހެލިވުމެވެ.)

1. ޑިސްކޯ
2. އަންހެންކުދިންނާ މަގުމަތީގައި ފޮށުން: އަންހެނުންނާ ފޮށުމަކީ މިއަދު މުޅި މުޖުތަމަޢުގައި ޢާންމު ވެފައިވާ އާދައެކެވެ. އެއީ ކޮންމެ މީހަކުވެ ސް މިކަމުގެ ތެރޭގައި ޝާމިލްވެދާ މިންވަރަށެވެ. ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޠާހިރު ސުންނަތުން މިމައްސަލައާ ގުޅުން ހުރި ވާހަކައެއްފެނެއެވެ. އެއްފަހަރަކު ރަސޫލުﷲގެ އަރިއަހަށް ބައިޢަތު ހިފުމަށް އައި ޖަމާޢަތެއްގެ ތެރޭގައި ޤައިސޭ ކިޔުނު މީހަކު ހުއްޓެވެ. މިޤައިސް ކުޅަކަމަކީ މަދީނާގެ މަގުމަތިން މަދީނާގެ އަންހެންކުއްޖެއް ފަހަތު އަޅުވައިލައިގެން ދިޔައީއެވެ. މާނައަކީ ފޮށުނީއެވެ.

ދެން އަނެއްދުވަހު މިބައިމީހުން ރަސޫލާގެ އަރިހަށް ގޮސް ބައިޢަތު ހިފަންފެށިއެވެ. ކޮންމެ މީހަކުވެސް ވަކިންނެވެ. ޤައިސް ބައިޢަތު ހިފުމުގެ ވަގުތު ޖެހުނު ހިނދު ސަލާމާއި ޞަލަވާތް ލެއްވުނު ނަބިއްޔާ އޭނާގެ އަތުގައި ގަދައަށް ހިއްޕެވިއެވެ. އަދި އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. “ކަލެޔަކީ އިއްޔެގެވެރިޔާއެވެ.” މިބަސްފުޅުގެ މުރާދަކީ އިއްޔެ ހިގައިދިޔަ ނުބައި ޢަމަލު ހިންގި މީހަކީ ކަލޭއެވެ. އަދި ހަނުހިމޭނުން ހުންނަވައިފިއެވެ. އަދި ނަބިއްޔާ އެކަލޭގެފާނުގެ މޫނުފުޅު އޭނާއާ ވީފަރާތްނޫން އަނެއް ފަރާތަށް އަބުރައިލެއްވިއެވެ. އޭނާ ނަބިއްޔާގެ އަރިހަށް އަވަހަށް ގާތްވެގަތެވެ. އަދި ބުންޏެވެ. “އޭ ރަސޫލުﷲއެވެ. އަޅުގަނޑާ ބައިޢަތު ހިއްޕަވާށެވެ. އަޅުގަނޑު ދެންއެކަހަލަ ކަމެއްނުކުރާނަމެވެ.” އެހިނދު ނަބިއްޔާ އިރުކޮޅަކުން އެއްބަސްވެވަޑައިގަތެވެ.

ވިސްނަވާށެވެ. އެކަލޭގެފާނު އޭނާއާ ބައިޢަތު ހިއްޕަވުމާ ދެކޮޅު ހެއްދެވިއެވެ. މިކަމަކީ ނުރައްކާތެރި ކަމެކެވެ.
މިކަމަކީ ނުރައްކާތެރިކަމެކެވެ. އެއްވެސް މީހަކު އަނެކާ އެމީހެއްގެ ދައްތަ ނުވަތަ މަންމައާއި ފޮށުމާމެދު ހިތްހަމަ ޖެހޭނެކަމަކަށް ނުފެނެއެވެ.

އަދި ލަދުވެތިކަމުގެ އިމުން ބޭރުވުމުގެ މިސާލުތަކުގެ ތެރެއިންވެ އެވެ.

1. އަންހެން ކުދިން ސިނގެރެޓް ބުއިން
2. ހެދުންތައް ހާމަކަންމަތީ ފެންނަ ގޮތަށް ބެހެއްޓުން. އަހަރުމެންނަށް ގޭގޭގެ ރޯނުގައި ނިދާ ހެދުމާއި އެތެރެއިންލާ ސާމާނު ނިވާކަމެއްނެތި އަޅުވައިފައި ހުންނާތީ ފެނެއެވެ.
3. އަހަރުމެންގެ މިޒަމާނުގައި ފެތުރިގެން އުޅޭ ނުރަނގަޅު އާދައެކެވެ. ޗެޓްކުރުމުގެ ނަމުގައި ފާޙިޝްވަހަކަތަށް އިންޓަރނެޓް މެދުވެރިކޮށް ދައްކައެވެ. އެފަދަ ކަންކަންކުރާ ޒުވާނުންގެ ކިބައިން އަޅުގަނޑު އެދެނީ އެމީހުން މިޢަމަލު ހިންގާ އިރު އެމީހުންގެ މަންމަ ނުވަތަ ބައްޕައަށް އެމަންޒަރު ފެނުމުން ކުރެވޭނެ އިޙްސާސް ޚިޔާލަށް ގެނެސްގަތުމަށެވެ.

އެ ދެ މީހުންނަށް ވުރެ ލަދުވެތިވުން ޙައްޤު ފަރާތެއް އަބަދު އަޅުގަނޑުމެންގެ ޢަމަލުތަކަށް ބައްލަވައިވޮޑިގެންވާއިރު އެފަރާތާމެދު ލަދުވެތި ނުވަނީ ކީއްވެ ހެއްޔެވެ؟

ޚުލާޞާ: އަންހެނަކާއި ފިރިހެނެއްގެ ލަދުވެތިކަމުގެ ވަރަށް މަތިވެރި މިސާލެއް އަޅުގަނޑު ލިޔެލާނަމެވެ. ސައްޔިދުނާ މޫސާގެފާނާއި ޞާލިޙް ބޭފުޅާގެ ދަރިކަބަލުންގެ ވާހަކައެވެ. އެވާހަކަ ވަނީ ސޫރަތުލް ޤަޞަޞްގައެވެ. އެކަލޭގެފާނު ފިރުޢައުނަށް ފިއްލަވައިގެން މަދުޔަނަށް ވަޑައިގެންނެވި ހިނދުގައެވެ.

އެ އާޔަތްތަކުގެ މާނައަކީ: “މަދުޔަންގެ ވަޅުތަކާ ހަމައަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނަށް އެތަނުގައި މީސްތަކުން އެބައިމީހުންގެ ގެރިބަކަރިއަށް ފެންދެނިކޮށް ފެނިވަޑައިގަތެވެ. އަދި އެމީހުންނާ ވަކިން އެންމެން އަވިދިވެ ނިމުމުގެ އިންތިޒާރުގައި ތިބިއަންހެންކުދިންތަކެއް ފެނިވަޑައިގަތެވެ.” (ޤަޞަޞް23) ދެއަންހެނުން އެއްފަރާތެއްގައި ތިބުމުން ވަޑައިގެން ސުވާލުކުރެއްވިއެވެ. “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަދެކަނބަލުންގެ ވާހަކައަކީ ކޮބައިތޯއެވެ؟ އެދެކަނބަލުން ވިދާޅުވިއެވެ. އެންމެން ފެންދީ ނިމުމުން ނޫނީ އަޅުގަނޑުމެން ފެންނުދެމެވެ. އަދި އަޅުގަނޑުމެންގެ ބައްޕަވަނީ ޢުމުރުންދުވަސްވެ، މުސްކުޅިވެފައެވެ.” އެދެކަނބަލުން ވިދާޅުވީ ފަހެ ކީކޭތޯއެވެ؟ ތިމަންމެންގެ މައްސަލައަކީ މިއޭ އެއޭތޯއެވެ؟ އެކަލޭގެފާނު އެދެކަނބަލުން އެހީތެރިވެވަޑައިގަތުމާމެދު ލަދުވެތިވެވަޑައެއްނުގަތެވެ. އެހެންނަމަވެސް ނިމެންދެން ދުރަށް ޖެހިވަޑައިގަތެވެ. “އަދި އެކަބަލުންގެ ތެރެއިން އެއްބޭކަނބަލަކު ލަދުވެތިގޮތެއްގައި ވަޑައިގެން ވިދާޅުވިއެވެ. ތިމަން ބޭކަނބަލުންގެ ގެރިބަކަރިއަށް ފެންދެއްވީތީ އެކަމަގެ ބަދަލުގައި އަގު ހޯއްދެވުމަށް ކަލޭގެފާނު ވަޑައިގަތުމަށް އެބަވިދާޅުވެއެވެ.”

މާނައަކީ: އެކަމަނާގެ ހިނގުމުގައިވެސް ލަދުވެތިކަން ހިމެނެއެވެ. އަދި ވާހަކަދެއްކެވުމުގައްޔާ ޙަރަކާތްތަކުގައި ލަދުވެތިކަން ހިމެނެއެވެ.

މިއީ އަޅުގަނޑުމެން ބޭނުންވާ ލަދުވެތިކަމެވެ. މީހުންގެ މެދުގައި އޮންނަ އެންމެ މުހިންމު ޞިފައަކީ ﷲ އާ މެދު ލަދުވެތިވުމެވެ. އަހަރުމެންގެ ޒުވާނުންނެވެ. އޭ އަހަރުމެންގެ އަހުލުވެރިންނެވެ. އޭއަހަރުމެންގެ އަންހެން ކުދިންނެވެ. އަހަރުމެން މާތް ﷲއާ މެދު ލަދުވެތި ނުވާ ނަމަ، އެކަލާނގެ ޙަޟްރަތުގައި ތިބެންޖެހޭ ދުވަހު އަހަރުމެންގެ ޙާލަކީ ކޮބާހެއްޔެވެ؟ އެކަލާނގެ އެދުވަހުން ވަޙީކުރައްވާނެ އެވެ. މިވެނި ފާފައެއް ހަނދުމަވޭ ހެއްޔެވެ؟ ކަލޭގެ ފޮތް ކިޔާށެވެ. އެހެންކަމުން ޤިޔާމަތް ދުވަހު ﷲއާ ކުރިމަތިލުމުގެ ބާރު ހޯދުމަށެވެ.

މަސްދަރު: ނޫރުލްއިސްލާމް