Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ގޭހުގެ އަގު ބޮޑުކުރަން ފުރުސަތެއް ނުދޭނަން: ސައީދު

ރާއްޖޭގައި ގޭހުގެ އަގުބޮޑުވާން ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވި އިރު ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން އާންމުންނަށް ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމިކަން އެނގިވަޑައިގަތީ ނޫހުން ކަމަށާއި އެކަން އެނގުނު ހިސާބުން ވިލާގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ސިޔާދް ގާސިމްއާ ވާހަކަދައްކަވައިގެން އެ މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އަދި ވިލާއާއި އެސްޓީއޯއަށް ގޭހުގެ އާ ޝިޕްމަންޓެއް މިރޭ ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިރޭ ވިލާއަށް ވެސް އަދި އެސްޓީއޯއަށް ވެސް، ހަމަ ގައިމު ވެސް އެސްޓީއޯއަށް މިރޭ އެލްޕީޖީ ޝިޕްމަންޓް ލިބޭނެ. އެސްޓީއޯއާ އަޅުގަނޑުމެންގެ ކޮމިޓީން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ބައްދަލުކުރިން މި ވާހަކަ ދައްކަން. ކޮބައިތޯ ސިނާރިއޯތަކަކީ، ކިހިނެއްތޯ ހެދޭނީ މި އަގު އަޅުގަނޑުމެން ބޭނުންވާ މިންގަނޑުގައި މެނޭޖުކުރުމަށްޓަކައި،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މިއަދު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތުން، ފަންނީ ބޭފުޅުންނާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައަޅަނީ މަހަކު އެއް ފަހަރު ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ނެރޯ ޑައުން ކުރެވިފައިވާ ހަތަރު-ފަސް ގޮތެއް އެބައިން. މިރޭ ނުވަތަ މާދަމާ ތިޔަށް ސީދާ ޖަވާބެއް އެރުވޭވަރުވާނީ. އިރާދަކުރެއްވިއްޔާ ހަމަ އަގުބޮޑުވާކަަށް ހަމަ ކިރިޔާ ވެސް ފުރުސަތެއް އޮވެއްޖެ ނަމަ އަޅުގަނޑުމެން އެކަމަކަށް ފުރުސަތެއް ނުދޭނަން،" ސައީދު ވިދާޅުވި އެވެ.