އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅައިފި އެވެ.
މިއީ "ސީފުޑް ވޮޗް" ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރޭޓްކުރެވިފާ ކަމަށާއި މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކާއި، ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މިއީ ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވެސް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ މި ކުރިއެރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ރޭޓިންގްގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި، ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރިހޯދުމަށް މަގުފަހިވެގެންދާނެކަމަށްވެސް ބުންޏެވެ.