އެމެރިކާ އާއި އިޒްރޭލުން އިރާނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އެމެރިކާ އާއި އިރާނުން އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އިރާނަށް ޝަރުތުކުރުމަށްފަހު ކަމަށެވެ.
އީރާނުގެ ފަރާތުން 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، މިއީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބިންގަލެއް ކަމަށް ގަބޫލުކުރާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން އެމެރިކާއާއި އީރާނާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވާ ގާތްގަނޑަކަށް ހުރިހާ ކަމަކަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާތައް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުންނާއި މެދުއިރުމަތީގެ ގައުމުތަކުގެ މަންދޫބެއްގެ ގޮތުން، ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މި މައްސަލަ ނިމުމަކާ ގާތްވެފައިވާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
މިކަމާ ގުޅޭގޮތުން އިރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ އެ ގައުމުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައި، އީރާނުގެ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭން ގަބޫލުކުރަން އެމެރިކާއަށް މަޖުބޫރުކުރުވާފައިވާ ކަމަށެވެ. މި ޕްލޭންގެ ދަށުން، އީރާނާ ދެކޮޅަށް އަޅާފައިވާ މައިގަނޑު އަދި އިތުރު ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށް އެމެރިކާއިން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން، އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުމަށް ކުރާ މަސައްކަތް ބަލައިގަތުމަށާއި، ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު ހިނގާކަން ގަބޫލުކުރުމަށް ވެސް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނީ އީރާނުގެ ސިފައިންނާ ގުޅިގެން، އަދި ފަންނީ ހުރަސްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ތަންފީޒުކުރުމަށް ޓްރަމްޕަށް ބާރުއެޅުއްވީތީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރަށް އަރާގްޗީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.