ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކުން 2-1 އިން ރެއާލް މެޑްރިޑް ބަލިކުރިއިރު، އާސެނަލުން 1-0 އިން ސްޕޯޓިން ލިސްބަންގެ މައްޗަށް ކުރި ހޯދައިފި އެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 41 ވަނަ މިނެޓްގައި ބަޔާނުން ވަނީ ލީޑު ނަގާފަ އެވެ. ސާޖް ގްނެބްރީ ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. ޑިއާޒް މި ގޯލު ކާމިޔާބުކުރީ ރެއާލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ހެރީ ކޭން ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބަޔާންގެ ގޯލު ފުޅާކޮށްދީފަ އެވެ. ކޭން މި ގޯލު ކާމިޔާބުކުރީ ރެއާލްގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ލީޑު އިތުރަށް ފުޅާކޮށްލަން ބަޔާނަށް އިތުރު ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 74 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ރެއާލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ ބަޔާންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސްޕޯޓިން އިން އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެގޮތުން މެކްސީ އަރައުހޯ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ވަނީ މުހިއްމު ތިން ސޭވެއް ކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފަހު ވަގުތުކޮޅުތެރޭ އާސެނަލަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކައި ހަވެޓްޒް އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގަ އެވެ.