Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

ޓްރަމްޕާއި މި ދެ މީހުންނާ އޮތީ ކޮން ގުޅުމެއް؟

އެކަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ކިބައިން އެދެނީ "އީރާނުގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލުމަށެވެ." އަދި އަނެކަކު ޓުރަމްޕުގެ ކިބަައިން އެދެނީ ޞުލްޙަ އާއި، ހަމަޖެހުމާއި، އިންސާނިއްޔަތު ކަމަށެވެ. އަޅެ މި ފަގުޑިބޭމެންނަށް މި ތިބީ ކިހިނެއްވެފައި ހެއްޔެވެ؟

މި ބޭމެންގެ ލަދު ޙަޔާތް އުޑަށް އަރުއްވައިގަތީ ބާވައެވެ؟ ކޮންމެއަކަސް، ފަގުޑިބޭމެން ކުރެ އެކަކު ވެސް، މާތް الله ގެ ޙަޟުރަތުން މަދަދަކަށް އަދި އެހީއަކަށް އެދި ނުގޮވަ އެވެ.

އިސްލާމީ އުއްމަތުގެ އެއްބައި ކަމުގައިވާ އީރާނު އަންދައި އަޅިއަށް ހެދުމަށް، ފަގުޑިބޭމެން އީމާންވާ ޠާޣޫތުންގެ ކިބައިން އެދެނީއެވެ. އަނެކަކު، ދެކެނީ ޓުރަމްޕަކީ، އިންސާނިއްޔަތު ސަލާމަތްކޮށް، ނަޖާ ކުރުމަށް ފޮނުވާފައި ހުރި މަސީޙެއް ކަމުގައެވެ. މިބޭމެންނަކަށް، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޓުރަމްޕުގެ ޝައިޠާނީ ސިފަތަކާއި، ނުބައިކަމުގެ އަޑެއް ހަމަ ނީވެނީ ބާވައެވެ؟ އެ އަޑުތައް އިވުނު ނަމަ، މި ދެމީހުން އެ މޭރުމުން ވާހަކައެއް ނުދެއްކީހެވެ.

މީގެ އެންމެ ޝައުގުވެރި ކަމަކީ، އެޕްސްޓައިން ފައިލްތަކުގައި ޓުރަމްޕުގެ ނަން 380،000 އަށް ވުރެ ގިނަ ފަހަރު ފާހަގަ ކޮށްފައިވާކަން ފަގުޑިބޭމެންނަށް ހަމަ ނޭނގޭތީ އެވެ. އެއީ ވަކިވަކި ފަރުދުންނަށް ބަލާއިރު، އެންމެ ގިނަ ފަހަރު ތަކުރާރުފައިވާ ނަމެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ޓުރަމްޕުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރުނު މީހެއްގެ ގޮތުގައި ތުހުމަތުކޮށްފައިވާ އިރު، 13 އަހަރުގެ ސްކޫލް ދަރިވަރަކަށް އަނިޔާކުރި ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.

ފެންނަ ފެނުމުގައި، ޓުރަމްޕް ތަބާވަނީ ނަތަންޔާހޫގެ އަމުރުތަކަށެވެ. އިޒުރޭލުގެ ފަރާތުން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ ދަމާކޫއްތާފަ ގެންދަނީ ވެސް ނަތަންޔާހޫގެ އަމުރަށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.