އިންޑިއާގެ ދެކުނުގެ ސްޕަސްޓާރު ރަޖްނީކާންތުގެ ފިލްމު 'ޖެއިލާ 2' އިން ލިބުނު ފުރުސަތު ޝާހްރުކް ޚާން ދޫކޮށްލައިފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުން ޝާހްރުކަށް ލިބުނީ ވަރަށް ހާއްސަ ކެމިއޯއެެއްގައި ހިއްސާވުމުގެ ފުރުސަތެވެ. އެގޮތުން 'ޖެއިލާ 2' އިން އޭނަ އަށް ދިން ރޯލަކީ ފިލްމުގެ ވާހަކައިގެ މުހިއްމު ކެރެކްޓާއެއް ކަމަށްވާ ފުލުހެއްގެ ރޯލެވެ.
އެ ރޯލަށް ޝާހްރުކް ވަރަށް އަވަހަށް ޝޫޓްކުރާނެކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ރަޖްނީކާންތުގެ ފިލްމުގައި ހިއްސާވާން ލިބުނު ފުރުސަތު ބޮލީވުޑްގެ ސުޕަސްޓާރު ވަނީ ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް މީޑިއާތަކުން ބުނީ ހިންދީ ސިނަމާ އަށް މި އަހަރު އަންނަން އޮތް އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޝާހްރުކްގެ 'ކިންގް' އަށް އެއްކޮށް ހާއްސަވާން ބޭނުންވުމެވެ.
ޑިސެމްބަރު 24 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި އެކްޝަން ތުރިލާ އަކީ ޝާހްރުކްގެ 2023 ގެ 'ޕަތާން' ވެސް ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިިލްމެކެވެ.
'ޖެއިލާ 2' ގައި ބައިވެރި ނުވާން ޝާހްރުކް ނިންމި އިރު، އެ ފިލްމަކީ 2023 ގައި ރިލީޒްކުރި އެކްޝަން ކޮމެޑީގެ ސީކްއެލް އެވެ. މީގެ ޑައިރެކްޓަރު ނެލްސަން އެވެ. 'ޖެއިލާ 2' ރިލީޒް ކުރާނެ ތާރީހެއް އަދި އޮތީ އިއުލާން ނުކޮށެވެ.