ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ތެރެ އިޝްގް މޭ' ތަރިން ކަމަށްވާ ދަނޫޝް އާއި ކްރިތީ ސެނަން ހިމަނައިގެން އެ ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ އިތުރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މި ޓީމުގެ އާ ފިލްމަކީ ޕީރިއަޑް ލަވްސްޓޯރީއެއް ކަމަށާއި އޭގެ ސްކްރީންޕްލޭގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފަށަން ޕްލޭން ކުރަނީ މި އަހަރުގެ ފަހުކޮޅަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އާނަންދުގެ އާ ފިލްމު ވާނީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ ކްރިތީއާ އެކު އޭނަ މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކްރިތީގެ ކުރިއަށް އޮތް ފިލްމަކީ ޖޫން 19 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ 'ކޮކްޓެއިލް 2' އެވެ. ކާސްޓްގައި ޝާހިދު ކަޕޫރާއި ރަޝްމިކާ މަންދަނާ ވެސް ހިމެނޭ މި ފިލްމަކީ ހޯމީ އަދަޖާނިއާގެ ޑައިރެކްޝަނެކެވެ.
އާނަންދުގެ ފެވަރިޓެއް ކަމަށްވާ ދަނޫޝް ވަނީ ތެރެ އިޝްގް މޭ ގެ ކުރިން ވެސް ހުނަރުވެރި ޑައިރެކްޓަރާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2013 ގެ 'ރާންޖަނާ' އާއި 2021 ގެ 'އަތުރަންގީ ރޭ' އެވެ.