Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

އައްޑޫ ޑެޕިއުޓީ މޭޔަރަކަށް ދެން ކާކު؟

ކައުންސިލް އިންތިހާބު ނިމުނީ އެވެ. އައްޑޫގެ މޭޔަރު ވެސް ކަށަވަރެވެ. އެއީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އަލީ ނިޒާރެވެ. އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް އަލުން އަނެއްކާ ވެސް ލިބިފައިވާ އިރު، މި ކާމިޔާބީއާ އެކު، އިދިކޮޅު އެމްޑީޕީ އަށް ވެސް ވަނީ ވަރަށް ބޮޑު އުފާވެރިކަމާއި ޖޯޝެއް އައިސްފަ އެވެ.

މި ފޯރީގެ ތެރޭގައި މިހާރު އައްޑޫ މީހުންގެ މީހުންގެ މެދުގައި ކުރެވޭ އެންމެ ބޮޑު ސުވާލަކީ ޑެޕިއުޓީ މޭޔަރު ކަމަށް ދެން ގެންނާނީ ކާކު ހެއްޔެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އައްޑޫ ސިޓީ ކައުންސިލްގެ އާ ދައުރަށް ހޮވުނު ބޭފުޅުންގެ ތެރޭގައި މިހާރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވެސް ހިމެނޭކަމެވެ.

އެހެންވެ އެ މަގާމަށް ދެން ވެސް ގެންނަން އެންމެ ރަނގަޅީ އޭނަ ކަމަށް ބައެއް މީހުން ދެކެ އެވެ. ސަބަބަކީ ތަޖުރިބާ ވެސް ހުރުމެވެ. އެކަމަކު ސުވާލަކީ އެ ޝަރުތަށް ރިއާޔަތްކޮށް، ކޮންމެހެން ޝުއާއު ޑެޕިއުޓީ މޭޔަރަކަށް ހަދަން ޖެހޭ ހެއްޔެވެ؟ މި ބަހުސް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ވަރަށް ބޮޑަށް ކުރެވެމުންނެވެ.

ޑެޕިއުޓީ މޭޔަރު ވަނީ ކައުންސިލަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އާ ދައުރަށް ހޮވުނު ބޭފުޅުންގެ ތެރޭގައި ނިޒާރާއި ޝުުއާއު ފިޔަވައި ވެސް މިހާރު ވެސް ކައުންސިލަރުންގެ ތިއްބެވި ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިތަަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒާއި ރަސްގެދަރި ދާއިރާގެ ކައުންސިިލަރު ހުސައިން ޒަރީރާއި މާމެންދޫ ދާއިރާގެ ކައުންސިލަރު އައިނިމަތު އަދާލާ އާއި ހިތަދޫ ބޭރުމަތި ދާއިރާގެ ކައުންސިލަރު މަރިޔަމް ސައީދާ ހިމެނެ އެވެ.

ސިޓީ ކައުންސިިލްގެ އާ ދައުރަށް މުޅިން އަލަށް ހޮވުނު ބޭފުޅުންނަކީ ފޭދޫ މާދެލަ ދާއިރާ އަށް ހޮވުނު އިސްމާއީލް ސައީދާއި މަދުއްގޫ ދާއިރާ އަށް ހޮވުނު ޒަހާ އަލީ އާއި މަރަދޫފޭދު އަށް ހޮވުނު އަގީލް މުހައްމަދާއި މަރަދު އަށް ހޮވުނު ނުސްރާ ރަޝީދުގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާ އަށް ހޮވުނު އަހުމަދު ނަޒީރެވެ.

ޑެޕިއުޓީ މޭޔަރަކަށް ހޮވާނެ މީހަކާ ގުޅޭ ބަހުސަށް ގިނަ ބައެއްގެ ޝައުވެރިކަން ހުއްޓިފައިވާ އިރު، އެއް ބަޔަކު ބުނާ ގޮތުގައި މުޅިން އަލަށް ހޮވުނު ކައުންސިލަރަކަށް އެ މަގާމު ދިނުން ވެސް ބުއްދިވެރި އެވެ. އަދި އަނެއް ބަޔަކު ދެކޭ ގޮތުގައި ޑެޕިއުޓީ މޭޔަރުގެ މަގާމު އަންހެން ކައުންސިލަރަކަށް ދިނުމަކީ ވެސް ވިސްނާލުް ރަނގަޅު ކަމެކެވެ.

ސިޓީ ކައުންސިލްގެ އާ ދައުރަށް ހޮވުނު ބޭފުޅުންނަށް ބަލާ އިރު، ހަތަރު ކަނބަލަކު އެބަތިއްބެވެ. އެހެންވެ އަންހެނުން ބާރުވެރި ކުރުވަން ވަކާލާތު ކުރުމުގެ ފޯރި ވެސް ގަދަ ޒަމާނެއްގައި ޑެޕިއުޓީ މޭޔަރަކު އަންހެން ކައުންސިލަރަކަށް ދިނުމަކީ ވެސް ހަމަ، ގިނަ ބަޔަކު ދެކޭ ގޮތުގައި ކުރުން މުހިއްމު ކަމެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އާ ދައުރުގައި ހިމެނޭނީ މޭޔަރު ވެސް ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުންނެވެ. މީގެ ތެރެއިން 7 މެމްބަރުން ނިސްބަތް ވަނީ ހިތަދުއަށެވެ. އެހެންވެ ވޯޓަކަށްދާ އިރު، ހިތަދޫ ކޮޅަށް ބުރަވުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންވެ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ އައްޑޫގެ އާ ޑެޕިއުޓީ މޭޔަރަކަށް ވާނީ ކާކުތޯ ބެލުމަށް ކެތްމަދުވެފަ އެވެ. ތާއީދު ކުރާ ކައުންސިލަރުން ޑެޕިއުޓީއަކަށް ގެންނަން ގޮވާލައި، ބައެއް މީހުން މިހާރު ޕޯސްޓަރާއި ހޭޝްޓެގް ވެސް ހަދައިގެން ސޯޝަލް މީޑިއާގައި ދައުރު ވެސް ވެސް ކުރަމުން އެބަ ގެންދެ އެވެ.