Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

އައްލޫ އާއި ދީޕިކާގެ ފިލްމަކީ 'ރާކާ'

އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ އައްލޫ އަރުޖުން އާއި ދީޕިކާ ޕަދްކޯންގެ ފިލްމުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފެންޓަސީ އެކްޝަން ފިލްމުގެ ނަމަކީ 'ރާކާ' އެވެ. ފިލްމުގެ ޓީމުން އޭގައި އައްލޫ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކައިލީ މިއަދު ފާހަގަކުރާ އޭނަގެ 43 ވަނަ އުފަން ދުވަހާ ވެސް ގުޅުވައިފަ އެވެ.

'ރާކާ' އަކީ ޝާހްރުކް ޚާން ހިމަނައިގެން ޑައިރެކްޓަރު އެޓްލީ 2023 ގައި ގެެނެސްދިން ކާމިޔާބު އެކްޝަން ތުރިލާ 'ޖަވާން' އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ. އަދި މިއީ އެ ފިލްމުގެ ކާސްޓްގައި ހިމެނޭ ދީޕިކާއާ އެކު އެޓްލީ މަސައްކަތްކުރާ ދެވަނަ ޕްރޮޖެކްޓެވެ.

'ރާކާ' އަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ 'ޕުޝްޕާ' ގެ ބަތަލު އައްލޫއާ އެކު އެޓްލީ ހަދާ ފުރަތަމަ ފިލްމެވެ.

އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހަތަކާއި ކުލަވަރުތަކެއް ގެނެސްދޭނެ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރެއް މިއަދު ދައްކައިލި ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 'ރާކާ' ގެނެސްދޭނީ ދެ ބަޔަަކަށެވެ. އެގޮތުން ފުރަތަމައި އަންނަ އަހަރު އަދި ދެވަނަ ބައި 2028 ގަ އެވެ.

'ރާކާ' ގެ ކާސްޓްގައި މުރްނާލް ތާކޫރާއި ރަޝްމިކާ މަންދަނާގެ އިތުރުން ޖާންވީ ކަޕޫރް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މީގެ ރޯލެއް ބޮލީވުޑްގެ ކުރީގެ ބަތަލާ އަނުޝްކާ ޝަރުމާ އަށް ވެސް ހުށަހެޅިކަމުގެ އަޑުތަކެއް މިދިޔަ މަހުގެ ތެރޭގައި އަރާފައިވެ އެވެ.