Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބަންކަރިން ހިދުމަތުން 730 މިލިއަން ރުފިޔާ ލިބިއްޖެ

ބަންކަރިން ޚިދުމަތުން މިހާތަނަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން ސަރުކާރަށް ފަޑުކިޔުންތައް އަމާޒުވި ނަމަވެސް އެ ޚިދުމަތުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން، އެ ޚިދުމަތް ފެށި ފަހުން މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް 2024 ގެ ސެޕްޓެންބަރު މަހު ފެށި ހިދުމަތަކެވެ. އެ ހިދުމަތް އޮފްޝޯކޮށް ދެނީ އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަ އިރު، އެ ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފާ އޮއިލުން ކަމަށެވެ.

ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން އެ ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ޔޫއޭއީގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.