އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، އިތުބާރު ނެތް ކަމުގެ ވޯޓައިގެން ކުރިއަށް ދިޔުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕަސަން އަބްދުލްޢަފޫރް މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ގަޕޯ މަގާމުން ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް މިހާރު ވަނީ ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ގަޕޯ ވިދާޅުވީ، ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ނުދައްވާނެ ކަމަށެވެ. އަދި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ގަޕޯ އިންތިހާބުކޮށްފައިވަނީ ގައުމީ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓުންނެވެ. އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް ގަޕޯ ސޮއިކުރެއްވި ސިޓީއެއް ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށެވެ.