Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ސައުދު

ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްޤީ ހޯދުމަށް ރައީސް ޑރ. މުޙަޢްމަދު މުޢިއްޒަށާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓްރީގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ޝަރީފު ވަނީ ކައުންސިލް އިންތިޚާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ސަޢުދު ވިދާޅުވީ ތިނަދޫއަށް ތަރައްޤީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ ތަރައްޤީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާކަމަށް ސަޢުދު ވިދާޅުވިއެވެ.

"ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިޢްޒަށް އަރުވަން" ސަޢުދު ވިދާޅުވި އެވެ.

ތިނަދޫގެ މޭޔަރު ސަޢުދު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.