Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އެމްޑީޕީގެ އާދަޔާ ހިލާފު ކާމިޔާބީ، ގަޕޯއަށް ތައުރީފު ހައްގު!

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ). ފޮޓޯ: އެމްޑީޕީ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން ހޯދީ އާދަޔާ ހިލާފު ކާމިޔާބެކެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ގިނަ ކައުންސިލް ގޮނޑި އާއި އަދި އެންމެ ގިނަ ވޯޓު ވެސް ހޯދީ އިދިކޮޅު އެމްޑީޕީންނެވެ. މި ކާމިޔާބީ އެމްޑީޕީން ހޯދިިއިރު، މި ވަގުތު ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރް މޫސާ (ގަޕޯ) ކުރި މަސައްކަތް ކޮންމެހެން ވެސް ފާހަގަކުރަންޖެހެ އެވެ.

ފާއިތުވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. އޭރު އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނެވީ ފައްޔާޒު އިސްމާއިލް ކަމަށްވާއިރު، އެ ދެ އިންތިހާބުން ލިބުނު ނާކާމިޔާބީ އަށް ފަހު ފައްޔާޒުގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ގޮވާލި ނަމަވެސް އިސްތިއުފާ ދެއްވަން އޭނާ ދެކޮޅު ހެދި އެވެ. ނަމަވެސް ހަމަހަމަ ފުރުސަތަށް ޖާގަ ދިނުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު ފައްޔާޒު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭގެފަހުން ޕާޓީގެ ވަގުތީ ޗެއާޕާސަނަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު ތާއީދަކާއެކު ގަޕޯ ހަމަޖެއްސިއިރު، އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކީ ޕާޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކާއި އަދި ކައުންސިލް އިންތިހާބެވެ. ސިޔާސީ ޕާޓީތަކުގެ ކާމިޔާބީ ވަޒަންކުރަނީ އިންތިހާބުތަކުން ކަމަށްވާއިރު، ގަޕޯގެ މޭސްތިރި ކަމުގައި ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ ސަފުތައް މުޅި ރާއްޖޭގައި ރުކުރުވާލި އެވެ. އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް އެއްކިބާކޮށް، ޕާޓީގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދި އަދި އާންމު މެމްބަރުންނާއި ގާތުން މަސައްކަތް ކުރުމުގެ ނަތީޖާ އެމްޑީޕީއަށް ކިތަންމެހާ ވެސް ފޮންޏެވެ.

ނިމިގެންދިޔަ އިންތިހާބުތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އެންމެ ހައްގުވެރި ފަރާތްތަކަކީ އެޕާޓީގެ އާންމު މެމްބަރުންނެވެ. އެ މެމްބަރުން އަމިއްލަ ސާބަހަށް ކުރި މަސައްކަތަށް ޕާޓީގެ ލީޑަޝިޕުން ދިން އެއްބާރުލުން ވެސް ފާހަގަކުރަންޖެހެ އެވެ. ނަމަވެސް މި އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ "ކްރެޑިޓް" އެކަކަށް ދޭނަމަ ހަމަ ޔަގީނުން އެމީހަކަށް ގަޕޯ ވާނެ އެވެ. ކުރިއަށް ހުރި އިންތިހާބުތަކުން ވެސް އެމްޑީޕީއަށް ކާމިޔާބު ހޯދުމުގައި ގަޕޯ މެންފަދަ ތަޖުރިބާކާރު ސިޔާސީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އެމްޑީޕީއަށް ލިބުމަކީ މުހިއްމު ކަމެކެވެ.