Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

މުސާރައަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަންގައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުކުޑަކުރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.

ޕީސީބީއިން ނެރުނު ސާކިއުލާގައި ވަނީ ކުންފުނިތަކުގެ މުވައްޒިފުންގެ މުސާރައާ އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި ރަސްމީގަޑީގައި މަސައްކަތްތައް ނިމޭނެގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުވުމާއި މުވައްޒިފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީނަމަވެސް ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒިފަކު ނޫނީ ނުނެގުމަށް ވަނީ އަންގާފަ އެވެ.

އަދި އިގްތިސާދީ ހިރާސްތަކަށް ރިޔާއަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ ދެމެހެއްޓެނިވި ގޮތަކަށް ކޭޝްފްލޯ މެނޭޖުކުރުމަށް މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުުރުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވާ އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީންކުރުމަށް ފިޔަވަޅު އެޅުމާއި މެދުއިރުމަތީގެ ހަަމަނުޖެހުންތަކާއި ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރު ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުމަށް ވެސް އަންގާފައިވެ އެވެ.

މީގެ އިތުރުން ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ނޫނީ ނުބޭއްވުމާއި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުމާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމާއި ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ކަސްޓަަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމާއި ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހޭދަ ވީހާވެސް ކުޑަކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

އަދި ރާއްޖެއިން ބޭރަށްކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި މިފަދަ ޕްރަގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމާއި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމާއި ކަރަންޓްގެ ހަރަދު ކުޑަކުރުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.