Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ހަނގުރާމަ މެދުކަނޑާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަްބްދުﷲ ހަލީލް - ފޮޓޯ: ރައީސް އޮފީސް

އެމެރިކާ އާއި އިޒްރޭލުން އިރާނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އެމެރިކާ އާއި އިރާނުން އެއްބަސްވުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމުގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން ކުޑަވެ، ޚިޔާލުތަފާތުވުންތަކަށް ދާއިމީ އަދި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާއާއި ޑިޕްލޮމަސީގެ މަގު އިޚްތިޔާރު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ޕާކިސްތާން ސަރުކާރާއި، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކުން ކުރި މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަނެ، އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ބަޔާނުގައިވެ އެވެ.

އަދި ސަރަޙައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ހުރިހާ މަސައްކަތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަން ވެސް ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، އާންމު ރައްޔިތުން ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ދުނިޔޭގެ ވިޔަފާރި މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އިރާނަށް ޝަރުތުކުރުމަށްފަހު ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ އެ ގައުމުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައި، އީރާނުގެ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭން ގަބޫލުކުރަން އެމެރިކާއަށް މަޖުބޫރުކުރުވާފައިވާ ކަމަށެވެ. މި ޕްލޭންގެ ދަށުން، އީރާނާ ދެކޮޅަށް އަޅާފައިވާ މައިގަނޑު އަދި އިތުރު ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށް އެމެރިކާއިން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން، އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުމަށް ކުރާ މަސައްކަތް ބަލައިގަތުމަށާއި، ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު ހިނގާކަން ގަބޫލުކުރުމަށް ވެސް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.