Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އެމްޕީއެލުން ވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް

ހަރަދުތައް ކުޑަކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އެ ކުންފުނިން ވަނީ މައިގަނޑު ހަ ފިޔަވަޅެއް އަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ރަސްމީ ގަޑި ކުރުކުރުން ވެސް ހިމެނެ އެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުންފުނިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ޝިފްޓު އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 7:30 އިން މެންދުރުފަހު 3:30 އަށް ކުޑަކުރުމާއި އޮޕަރޭޝަނަލް ޝިފްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުމާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާއި ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ތަމްރީންތައް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމާއި މި އަހަރު ބާއްވަން އޮތް މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފަސްކުރުމުގެ އިތުރަށް ކަރަންޓުގެ ހަރަދު ވެސް ކުޑަކުރުމެވެ.

އެމްޕީއެލުން ބުނީ އޮޕަރޭޝަނަލް ޝިފްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރަން ނިންމި ނަމަވެސް، މާލޭގެ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ބަދަލާ އެކު ވެސް މުދާ ބޭލުމާއި ކްލިއާ ކުރުމުގެ ހިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.