ފ. ފީއަލީގައި ތެޔޮބޯޓެއްގައި އަނދަމުން އެބަދެ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރުމ އެ އުޅަނދުގައި ރޯވެ ގަދަށް އަދަމުންދާ މަންޒަރު ފެނެ އެވެ. އެގޮތުން އަލިފާންގަނޑާ އެކު ބޯ ދުން އަރާ ތަން ފެނެ އެވެ.
ފީއަލީ ބަނދަރުގައި އޮތް ބޯޓްގައި ރޯވެ އަނދަމުންދާ އިރު، އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައިވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 09:15 އެހައިކަންހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ ފިހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހާ ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށް ވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި އަލިފާން ހިފާފައިވާ ކަމަށް ވެސް ބުންޏެވެ.