Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްޑީޕީ އަކީ ބާރުގަދަ ފިކުރެއް، ރޫޅާނުލާ: މޫސަ

އެމްޑީޕީ އަކީ ބާރުގަދަ ފިކުރެއް ކަމަށާއި އެ ޕާޓީގެ އެންމެން މަސައްކަތް ކުރަން އެކުވެރިކަމާއި އެެއްބައިވަންތަކާ އެކީ ކަމަށް ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެ ޕާޓީ ހޯދި ކާމިޔާބީ ފާހަގަ ކުރަން މާލޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ލިބިވަޑައިނުގަތުމުން އެކަމާ ގުޅިގެން ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފެކްޝަނުން، ޕާޓީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރް މޫސާ ވަކިކުރަން މަސައްކަތް ކުރާތީ މޫސަ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މި ދަނޑުވަޅީ ޕާޓީގެ ތެރޭގައި މިފަދަ ކަންކަން ކުރަންވީ ވަގުތެއް ނޫން ކަމަށެވެ.

އޭނަ ވިދާޅުވީ ނިމިދިޔަ އިންތިހާބުތަކުގައި ލިބުނު ކާމިޔާބީއަކީ ޕާޓީގެ ވަރަށް ގިނަ އިސްވެރިންނާއި އާންމު މެންބަރުންގެ ބުރަ މަސައްކަތް ކަމަށާއި ޕާޓީގެ ޖަލްސާއެއްގައި ބަޔަކަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުލިބުނަސް މިވަރުގެ ބޮޑެތި ފިޔަވަޅުތައް އަޅަން ހެޔޮނުވާނެ ކަމަށެވެ.

މޫސަ ވިދާޅުވީ ޣަފޫރަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވި، އެމްޑީޕީއާ ގުޅިވަޑައިން ވަރަށް ބުރަކޮށް ޕާޓީގެ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި ޕާޓީ އެތެރޭގެ ވެރިކަމުގެ ކޯޅުމުގެ އަސަރު އެހެން މެންބަރުންނަށް ފޯރުން ބަލައި ނުގަނެވޭނެ ކަމަށެވެ. މޫސަ ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑު ވެސް ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ވާހަކަ ދެއްކިން. އަޅުގަނޑުވާ ބޭނުމެއް ނެތް އެކަން ކުރާކަށް. އަޅުގަނޑު ހުންނާނަން ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި،" މޫސަ ވިދާޅުވި އެވެ. "އިސް މަގާމެއް ނެތަސް އެމްޑީޕީއާ އެކީގައި ހުންނާނަން."

އޭނަ ވިދާޅުވީ މިއީ ޕާޓީގެ ތެރޭގައި ބައިބައިވުމާއި ކޯޅުން އުފެދޭ ފަދަ ފިޔަވަޅުތައް އަޅަންވީ ވަގުތު ނޫން ކަމަށާއި މީހުން އިޚްލާސްތެރިކާމާ އެކު ކޮށްދޭ ކަންކަން ބަލައި ވެސް ގަންނަން ޖެހޭ ކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބުގައި ދިމާ ވިފަދަ މައްސަލަތަކެއް ޖެހުމަށް އިތުރަށް ފުރުސަތު ނުދިނުމަށް ވެސް މޫސަ ވަނީ ގޮވާލައްވައިފަ އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވީ އެ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ނަމަ އެމްޑީޕީ އޮންނަންވީ ރޫޅާނުލައި، އެއްބައިވަންތަކޮށް ކަމަށެވެ.

"މާދަމާގެ އުންމީދުގައި ކުލަޖައްސަން ބޭނުން ނަމަ އެކުވެރިކަމާއި އެއްބައިވަންތަކަން ރޫޅާނުލާ. އެމްޑީޕީ އަކީ ފިކުރެއް،" މޫސާ ވިދާޅުވި އެވެ. "މި ފިކުރަކީ ކިހާ ބުރަދަނެއްގެ ފިކުރެއްކަން ދިވެހިން އަބަދުވެސް ބަލައި ގަންނަނީ ތިލަފަތުގެ ރަމްޒުގެގޮތުގައި."