Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

ގްރީސްގައި 15 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަނީ

ގްރީސްގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި އެވެ،

މިކަން ސޯޝަލް މީޑިއާ ވީޑިއޯ މެސެއްގައި އިއުލާން ކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ކިރިއަކޮސް މިސޯޓަކިސް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެކަން ތަންފީޒު ކުރަން ފެށުމަށެވެ. އެހެންވެ 15 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅަން ނިންމީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހުންނަނީ އެ އެއްޗިއްސަށް ދެވިހިފާ ގޮތަށްކަން ފާހަގަ ކުރައްވައި އޭނަ ވިދާޅުވީ މީގެ ސަބަބުން ކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރާތީ ނަފުސާނީ އެކި ކަހަލަ މައްސަލަތަކުގެ އިތުރުން ކުދިންގެ ނިދުމަށް ބުރޫ އެރުން ފަދަ އެތައް ކަމެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ވެސް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކުން ކުދިން ރައްކާތެރިކޮށް ދޭން ޖެހޭ ކަމަށާއި ސަރުކާރުން އަޅަން ނިންމި ފިޔަވަޅުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން އޮތް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު އޮސްޓްރޭލިއާ އިން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި ފަހުން، ޔޫރަޕްގެ އެކި ގައުމުތަކުން ވެސް އަންނަނީ މިފަދަ ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުންނެވެ.