Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ސޫރަޖްގެ އާ ފިލްމުގެ މިއުޒިކް ވެސް ހެދީ ހިމޭޝް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު، 'ޔޭ ޕްރޭމް މޯލް ލި' ޔާގެ މިއުޒިކް ވެސް ހެދީ ހިމޭޝް ރޭޝަމިއާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމަށް ހިމޭޝް 7 ލަވަ ހަދާފައިވާ ކަމަށެވެ. މިއީ އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ޑައިރެކްޓަރުގެ ފިލްމަކަށް ހިމޭޝް މިއުޒިކް ހަދައިދިން ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމަކީ ސަލްމާން ޚާނާއި ސޯނަމް ކަޕޫރާ އެކު ސޫރަޖް 2015 ގައި ގެނެސްދިން 'ޕްރޭމް ރަތަން ދަން ޕާޔޯ' އެވެ.

ހިމޭޝް އަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަ މިހާތަނަށް އެތައް ފިލްމަކަށް މިއުޒިކް ހަދައި ދީފައިވާ އިރު، ބައެއް ފިލްމުތަކުގެ ލަވަތަކަށް ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ލިބިފައިވެ އެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމު 'މާތުރަބޫމީ' ގެ މިއުޒިކް ވެސް ހަދާފައި ވަނީ ހިމޭޝް އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޝޫޓިން ކުރިއަށްދާ 'ޔޭ ޕްރޭމް މޯލް ލިޔާ' އަކީ އަޔޫޝްމަން ކްރާނާ އާއި ޝަރްވާރީ ވާގް ލީޑަށް ލައިގެން ހަދަމުން އަންނަ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ޝޫޓިން މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެ އެވެ.

އެއަށް ފަހު ފިލްމު ރިލީޒްކުރާ ތާރީހު އިއުލާން ކުރާނެ އެވެ.

'މޭނޭ ޕިޔާރު ކިޔާ' އާއި 'ހަމް އާޕް ކޭ ހޭ ކޯން' އާއި 'ހަމް ސާތު ސާތު ހޭ' އަދި 'ވިވާ' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ 'އޫޗާއީ' އެވެ.