Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

އައްމަޓީގެ މައްޗަށް އުފުލި 42 ދައުވާ ސާބިތެއް ނުވި

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި 42 ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.

އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ މޭ 30، 2021 ގަ އެވެ. މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ދައުވާތައް ސާބިތުނުވާ ކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދައުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.

މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.