Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތައް ކުށްވެރިކޮށްފި

ލުބްނާންގެ ބައެއް ސަރަހައްދުތަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިބާވަތުގެ ޢަމަލުތަކުގެ ސަބަބުން، ސަރަޙައްދީ ސުލްޙައާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އެކަމަށް އެގައުމު ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.

އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ލުބްނާނުގެ ސިޔާދަތާއި، ސަލާމަތާއި، ސަރަޙައްދީ މިނިވަންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.