Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ހިމޭޝްއާ އެކު ޖުނައިދަށް ކޮމެޑީއެއް

މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ހިމޭޝް ރޭޝަމިއާ އެކު ފިލްމެއް ކުޅެން ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ދަރިފުޅު، ޖުނައިދު ޚާން ސޮއިކޮށްފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ މިއީ ފިލްމީ ތަރިންނާއި ޕަޕަރީޒިންނާ ދެމެދު އޮންނަ ގުޅުންތަކާއި ކޯޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އެގޮތުން 'ލެފްޓް ރައިޓް ސެންޓާ' ކިޔާ މި ފިލްމުގައި މަޝްހޫރު ފިލްމީ ތަރިއެެއްގެ ރޯލު ކުޅޭނީ ހިމޭޝް އެވެ. އަދި ޖުނައިދު ކުޅޭނީ ޕަޕަރާޒީއެއްގެ ރޯލެވެ.

'ލެފްޓް ރައިޓް ސެންޓާ' ސްކްރީންޕްލޭ ލިޔެފައި ވަނީ މަޝްހޫރު ކޮމީޑިއަން ޖޯނީ ލީވާގެ ދަރިފުޅު ޖެސީ ލީވާ އެވެ. ކޫކީ ގްލާޓީ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ ޗިރާގްއާ އެވެ. ކޫކީ އަކީ މިދިޔަ އަހަރު ނެޓްފްލިކްްސް އަށް ގެނެސްދިން ސައިފް އަލީ ޚާންގެ ޖުވެލް ތީފްގެ ޑައިރެކްޓަރެވެ.

'ލެފްޓް ރައިޓް ސެންޓާ' އަކީ ޖުނައިދު ސޮއިކުރި ފަސް ވަނަ ފިލްމެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ 'އޭކް ދިން' އެވެ. ޖުނައިދުގެ ފުރަތަމަ ފިލްމަކީ 2024 ގެ 'މަހާރާޖް' އެވެ. އަދި އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި 'ލަވްޔާޕާ' އިންނެވެ.

ޖުނައިދު 'ލެފްޓް ރައިޓް ސެންޓާ' އަށް ސޮއިކުރި އިރު، އޭނަ ސޮއިކުރި ހަތަރު ވަނަ ފިލްމަކީ ތަމަންނާ ބާޓިއާ އެކު ކުޅެން ހަމަޖެހިފައިވާ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ 'ރާގިނީ 3' އެވެ.