Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ފާފަތަކުން ދުރުވާން ލަދުވެތިކަން އިޚްތިޔާރުކުރޭ!

ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ޙައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ހަތް އުޑުމަތިން ބާވައިލެއްވި ދުސްތޫރުގައި ވަޙީ ކުރައްވާފައި ވަނީ (وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا) الإسراء 70 މާނައީ: ”ހަމަކަށަވަރުން، ތިމަންއިލާހު އާދަމްގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ޙަލާލް ތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.”

މިފަދަ މަތިވެރި ދަރަޖައަކަށް މާތްކުރައްވާފައިވާ އިންސާނާ ބުއްދިއާއި ހެޔޮ ވިސްނުމުގެ ނިޢްމަތުން މަޙްރޫމު ކުރައްވާފައިވާ އަދި ލަދުވެތިކަމާއި ޣީރަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސްނެތް ޙައިވާނުންގެތެރެއިންވާ އޫރެއްގެ ދަރަޖަޔަށް ވެއްޓިފައި މިވަނީ ކީއްވެގެންތޯއެވެ؟

ވައްކަންކުރުމާއި ރާ ބުއިމާއި މާރާމާރީއާއި ޒިނޭކުރުމާއި އެއްޖިންސުން ގުޅުންހިންގުމާއި ތިމާގެ އަމިއްލަ ލެއިން ، ޙަލާލު ގުޅުމަކުން ދުނިޔޭގެ އަލިކަމުގެ ތެރެޔަށް އުފަންވެފައިވާ ދަރިންނާއިއެކު ބަދުއަޚްލާޤީ ގުޅުން ހިންގުމާއި ކުށެއްނެތް ތުއްތު ތުއްތު ކުދިން މެރުމާއި މަސްތުވާ ތަކެތީގެ ވަބާގައި ޒުވާންޖީލު ޣަރަގުވެ، ޙަރާމްކުރެއްވި ގިނަގުނަ ފާޙިޝްޢަމަލުތައް ރެޔާއި ދުވާލު ކުރުމުގައި ވަގުތުތަށް ހޭދަކުރެވި، މުޖުތަމަޢު ބިރުވެރިކަމާއި އަނދިރިކަމުގެ އަނދަވަޅަކަށް ވެއްޓިފައިވަނީ ކީއްވެގެންތޯކަމާއިމެދު ތިބާގެ އަމިއްލަ ނަފްސާއި ސުވާލުކުރައްވާށެވެ.

މިސުވާލުތަކުގެ ޖަވާބަކަށް، ތަންދޮރު ނުދަންނަ މީހަކު އިންސާނާ ޚަލްޤު ކުރައްވާފައިވަނީ ނިކަމެތިކަމާއި ބަލިކަށިކަމާއި އެކު ކަމަށްވުމުން ފާޙިޝް ޢަމަލު ކުރެވޭނެއޭ ބުނެފާނެއެވެ. ތިބާގެ ނަފްސު ތިބާއަށް ފާފަތަކަށް އަރައިގަތުމަށް ހިތްވަރުދިނުމުގެކުރިން ތިބާހެއްދެވި ފަރާތުން އެފަދަ ކަންތައްތަކަށް އަރައި ނުގަތުމަށް ތިބާޔަށް އަމުރުކުރައްވާފައިވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟

އީމަންކަމުގެ ތެރެއިންވާ ލަދުވެތިކަން ނެތުން އެއީ މިހުރިހާ ސުވާލުތަކެއްގެ ޖަވާބެވެ. މިއުއްމަތުގެ މާތްނަބިއްޔާ محمد – صلى الله عليه و سلم – ޙަދީޘް ކުރައްވާފައިވަނީ ((” إِذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْتَ”)) رواه البخاري މާނައީ: “ތިބާ ލަދުވެތި ނުވަންޏާ ތިބާ ބޭނުންކަމެއް ކުރާނެއެވެ.”

އޭ ފާފަތަކުން ނަފްސު އިސްރާފުކޮށްފައިވާ އިންސާނާއެވެ! ތިބާ އަށް ލަދުވެތިވުން ޙައްޤު ގޮތުގައި ލަދުވެތިވެ ފާފަތަކުން ދުރުހެލިވުމަށް އެކަލޭގެފާނުގެ އަގުމާތްވި މި އިރުޝާދަށާއި މި ޢިލްމުވެރިޔާގެ ނަޞޭޙަތުގެ ބަސްފުޅަށް ޢަމަލު ކުރެއްވުންކީއްތޯއެވެ. ((نْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- : “اسْتَحْيُوا مِنْ اللَّهِ حَقَّ الْحَيَاءِ” قَالَ: قُلْنَا يَا رَسُولَ اللَّهِ إِنَّا نَسْتَحْيِي وَالْحَمْدُ لِلَّهِ قَالَ: “لَيْسَ ذَاكَ وَلَكِنَّ الِاسْتِحْيَاءَ مِنْ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظَ الرَّأْسَ وَمَا وَعَى وَالْبَطْنَ وَمَا حَوَى وَلْتَذْكُرْ الْمَوْتَ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنْ اللَّهِ حَقَّ الْحَيَاءِ”)) رواه الترمزي މާނައީ: ޢަބްދުﷲ ބުނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުން ލަދުވެތިވުން ޙައްޤުގޮތުގައި ﷲއަށް ލަދުވެތިވާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ލަދުވެތިވަމެވެ. އަދި ﷲއަށް ޙަމްދުހުއްޓެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”އެހެނަކުން ނޫނެވެ. އަދި އެހެނެއްކަމަކު ﷲ ތަޢަލާއަށް ޙައްޤުގޮތުގައި ލަދުވެތިވުމަކީ ތިބާގެ ބޮލާއި، ބޮލާއި ގުޅިފައަވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި ބަނޑާއި، ބަނޑާއި ގުޅިފައިވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި މަރާއި، ފާނަވެދިޔުން ހަނދާން ކުރުމެވެ. އަދި ޢާޚިރަތަށް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިން ދޫކޮށްލައެވެ. އަދި މިގޮތަށް ޢަމަލުކޮށްފިމީހާ ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުގޮތުގައި ލަދުވެތިވެއްޖެއެވެ.”

އެއް ދުވަހަކު ފާފަތަކަށް އަރައިގަތުމުގައި ހައްދުފަހަނައަޅާފައިވާ މީހަކު އިބްރާޙީމް ބުނު އަދްޙަމްގެ އަރިހަށްގޮސް ދެންނެވިއެވެ. އޭ ޝައިޚުއެވެ. އަޅުގަނޑުގެ ނަފްސު އަޅުގަނޑަށް ފާފަކުރުމަށްގޮވާ ހިތްވަރުދީ ހަދަނީއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުކުރަންވީ ކޮންކަމެއްތޯއެވެ؟ އެހިނދު އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ފަސްކަމެއް ފުރިހަމަ ކުރެވޭނެނަމަ ތިބާ ﷲގެ އެންގެވުންތަކަށް ނުކިޔަމަންތެރިވެ ތިބާގެ ނަފްސު ގޮވާލާ ކަންތައްތައްކޮށް ފާފަތަކަށް އަރައިގަންނާށެވެ!

އެ މީހާ ދެންނެވިއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ﷲއަށް އުރެދި ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ބައްލަވައިވޮޑިގެންނުވާ ތަނެއްގައި ހުރެގެން ފާފަކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ﷲއީ އުޑުގައިވިޔަސް އަދި ބިމުގައިވިޔަސް އެއިލާހަށް އެއްވެސްކަމެއް ވަންހަނާ ވެގެންނުވާ އިލާހެވެ. ތިކަންކުރާނީ ކިހިނެއްހެއްޔެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ.

ﷲ ބައްލަވާވޮޑިގަންނަވާއިރު ފާފަކުރަން ތިބާ ލަދެއް ނުގަނޭ ހެއްޔެވެ؟ ދެން އެމީހާ ދެންނެވިއެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާފާފަކުރާއިރު ﷲ ގެ ބިންމަތީގައި ނޫން އެހެންތަނެއްގައި ހުރެގެން ފާފަ ކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ތިކަންވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ގެ ބިންމަތިން އަޅުގަނޑު ދާނީ ކޮންތާކަށްހެއްޔެވެ؟

ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗެއް މިލްކު ވެވޮޑިގެންވަނީ ﷲއަށެވެ. އަނެއްކާވެސް އެމީހާ ދެންނެވިއެވެ. ދެން ކޮންކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ދެއްވާ ރިޒުޤު ކެއެން ހުއްޓާލާށެވެ! އެމީހާ ދެންނެވިއެވެ. އަޅުގަނޑުކެއުން ހުއްޓާލާއިފިނަމަ ވާނީ މަރެއްނޫންތޯއެވެ؟ ދެންކޮން ކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ފާފަތަށް ކުރުމުގައި ދެމިހުއްޓާ މަރުވެއްޖެނަމަ ތިބާ ނަރަކައަށް ވެއްދުމަށް މަލާއިކަތްބޭކަލުން ވަޑައިގަތުމުން އެބޭކަލުންނަށް ނުކިޔަމަންތެރިވެ އެބޭކަލުންގެ އަރިހުގައި ނުދާށެވެ. އެމީހާ ދެންނެވިއެވެ.

ތިޔައީ ކިހިނެއްވާނެ ކަމެއްތޯއެވެ؟ ދެން ކޮންކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ދުނިޔެމަތީގައި ކުރިކަންތައްތައްތަކުގެ ފޮތް ކިޔުމަށް އެންގެވޭހިނދު އެކަމަށް އިންކާރުކޮށް އެފޮތުގައިވާ ކަންތައްތަކަކީ ތިބާ ނުކުރާ ކަންތައްތައް ކަމުގައި ބުނާށެވެ! އެމީހާ ދެންނެވިއެވެ. ތިކަމެއް ނުވާނެއެވެ. ދެކޮނޑުގައިވާ ދެމަލާއިކަތުންވަނީ އެކަންތައް ލިޔުއްވާފައެވެ. އަދި އެކަންތައްތައް ކުރި ގުނަންތައް އެކަންތައްތައް ކުރިކަމަށް ހެކިވާނެއެވެ. އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ކަންއޮތްގޮތަކީ މިއީއެވެ. ﷲއަށް ލަދުވެތިވެ ތިބާ ފާފަކުރުން އަވަހަށް ހުއްޓާލާށެވެ!

އޭ އިންސާނާއެވެ! ދުނިޔޭގެ ޙަޔާތުގެ މިސާލަކީ ސައިބޯނި ބޮއްކެއްގެ މިސާލެކެވެ. އެއީ ވަގުތީ އަގެއް ނެތް ތަނެކެވެ. ދުނިޔޭގެ ޖާހާ މަންޞަބަށް އާޚިރަތުގެ ދާއިމީ ޙަޔާތް ވިއްކާ ނުލާށެވެ. ދުނިޔޭގެ އަރާމާއި އުފަލާއި ޒީނަތަކީ އަގެއްލިބިފައިވާ އެއްޗެއް ނަމަ ދުނިޔޭގައި އުޅުނު ޖައްބާރު ވެރިންނާއި މުއްސަނދިންނާއި މަހުޖަނުން ކޮބައި ހެއްޔެވެ؟! ތިބާގެ ދެލޮލުން ޙަރާމް ތަންނަށް ނުބަލާށެވެ! ދެކަންފަތުން ޙަރާމް ވާހަކަތައް އަޑުއެހުމުން ދުރުހެލިވާށެވެ! ދުލުން އެންމެހާ ކުދިބޮޑު ފާޙިޝް ވާހަކަދެއްކުމުން ރައްކާތެރިވާށެވެ! ހިތާއި ސިކުނޑިން ޙަރާމް ކަންތައްތަކަށް މަގުފަހިވާފަދަ ކަންކަމާއިމެދު ވިސްނުމުން ދުރުހެލި ކުރާށެވެ!

ޙަރާމް ކުރެއްވި އެއްޗެއް ތިމާގެ ހަށިގަނޑުގެ ތެރެޔަށް ވާޞިލްވެދާނެކަމަށް ލަދުވެތިވާށެވެ! ލަދުވެތިގުނަވަން ރައްކާތެރި ކުރާށެވެ! ޙަރާމްކަންތައްތަކަށް މަގުފަހިވާފަދަ ތަންތަނަށް ދިއުމުން ތިބާގެ ފައި މަތަކުރާށެވެ! ފާފައެއް ކުރަންހުއްޓާ ތިބާގެ އަޖަލު ހަމަވެ، އެޙާލުގައި ތިބާ ޤިޔާމަތްކުރައްވައި ގެ ދަރުބާރަށް ޙާޟިރުކުރެވޭނެ ކަމާއިމެދު ލަދުވެތިވެ ފާފަތަކުން ދުރުހެލިވާށެވެ!

މަސްދަރު: ދިސަލަފިއްޔާ