Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

މިދިޔަ މަހު މީރާއަށް 4.03 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.0 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.8 ޕަސެންޓް އިތުރު އަދަދެއް ކަަމަށްވެސް މީރާއިން ބުނެ އެވެ.

މިއަހަރުގެ މާރިޗް ގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުނެ އެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބުރުވަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 ޕަސެންޓް އިތުރުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހުގެ އާމްދަނީވެސް އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މި އަހަރުގެ މާރިޗް އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 26.8 ޕަސެންޓް އިތުރުވި މައިގަނޑުއެއް ސަބަބަކީ ޓޫރިޒަމް ދާއިރާއާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީއާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުން ކަމަށްވެސް މީރާއިން މައުލޫމާތުދެ އެވެ.

މީގެއިތުރުން އާމްދަނީގެ 7.6 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާއިން ހާމަކުރެ އެވެ. އެގޮތުން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 882 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

މީރާއިން މި އަހަރުގެ މާރިޗްގައި ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 2.4 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓްތަކުގެ ކުލިންނަގާ ޓެކުހުންނެވެ. އެއީ 440 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ، އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ މާރިޗުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.