Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

އަދިވެސް ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ބޮޑު

ރާއްޖޭގެ ސިއްހީ ދާއިރާއަށް އަދިވެސް ޑޮކްޓަރުންނާއި ނަރުހުންފެ ދަތިކަން އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްމުގައި އޭނަ ވިދާޅުވީ، ރާއްޖޭގައި ސިއްހީ ދާއިރާ މިހާރު ވަރަށް ބާރަށް ފުޅާވަމުން އަންނަ އިރު، ފަންނީ މީހުން މަދުވުމަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ހެލްތު ސެކްޓާއަށް މީހުން ތަމްރީނުވެގެން އައުމަކީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން މިހާރު ވެސް ހެލްތު ސެކްޓާއަށް އެބަ ބޭނުންވޭ،" ނާޒިމު ވިދާޅުވި އެވެ. "ރާއްޖޭގެ ހެލްތު ސެކްޓާގައި މިހާރުވެސް ވަރަށް ގިނަ އަދަދަކަށް ބޭރު މީހުން މިހާރުވެސް ހަރަކާތްތެރިވަމުން އެބަދޭ."

ސިއްހީ ދާއިރާއަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ވޭތުވެ ދިޔަ އަހަރުތަކުގައި ސިއްހީ ދާއިރާއަށް މީހުން ނުނެރެވޭ ވަރަށް، މިދިޔަ އަހަރު މީހުން ނެރެވުނު ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެގޮތުން މާލެ ސަރަހައްދަށާއި އަތޮޅުތެރެއަށް ގާތްގަނޑަކަށް 1،700 އެއްހައި މުވައްޒަފުން އިތުރަށް ނެރެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.