Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ވިކީގެ ޕީރިއަޑް ފިލްމަށް ޝްރަދާ ގެންނަނީ

ވިކީ ކޯޝަލް ޓައިޓްލް ރޯލު ކުޅޭ ގޮތަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އިއުލާންކުރި މެޑޮކް ފިލްމްސްގެ ޕީރިއަޑް ފިލްމު 'މަހާވަތުރްގެ' ބަތަލާގެ ރޯލަށް ޝްރަދާ ކަޕޫރް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިި އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ޓީމުން މިހާރު ޝްރަދާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ، އަދި އޭނަ އަކީ މި ޕީރިއަޑް ފިލްމަށް ބޭނުންވާ ކަހަލަ ކޮލިޓީތަކެއް ހުރި ބަތަލާއެއް ކަމަށް ވެސް ބުންޏެވެ.

ބޮޑު ބަޖެޓަކުން ވަރަދް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ 'މަހާވަތުރް' އަކީ ޝްރަދާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްްވާ ހޮރޯ-ކޮމެޑީ 'އިސްތިރީ' ފްރެންޗައިޒްގެ ޑައިރެކްޓަރު އަމަރު ކޯޝިކް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. 'އިސްތިރީ' ގެ ވަރަށް ކާމިޔާބު ދެ ބައި މިހާތަނަށް ގެނެސްދީފައިވާ އިރު، އޭގެ ތިން ވަނަ ބައެއް ވެސް މެޑޮކް އިން އޮތީ ޕްލޭންކޮށްފަ އެވެ.

އެ ސްޓޫޑިއޯގެ 'މަހާވަތުރް' އަށް ޝްރަދާ ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު، ހުނަރުވެރި ބަތަަލާ މިހާރު ވެސް އަންނަނީ މެޑޮކް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި ވިކީގެ ތާރީހީ އެކްޝަން ފިލްމު 'ޗާވާ ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ 'އީތާ' އެވެ.

'މަހާވަތުރު' އަށް ޝްރަދާ ސޮއިކޮށްފި ނަމަ މި ފިލްމު ވާނީ އޭނަ އާއި ވިކީ ކޯޝަލްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީގެ ޝޫޓިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށުމަށްޓަކައި ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. ދެހާސް ސައުވީހުގެ ނޮވެމްބަރު މަހުގެ ތެރޭގައި 'މަހާވަތުރް' އިއުލާންކުރީ މި އަހަރުގެ ޑިސެންބަރުގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ.

ނަމަވެސް ފިލްމުގެ ޝޫޓިން ނުފެށި ލަސްވެފައި އޮތީ ވިކީ މިހާރު މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' އަށް ތައްޔާރުވާން ޖެހުމާ ގުޅިގެންނެވެ.