މިދިޔަ އަހަރު 375 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ.
އެހެންވެ މި ޖެނެރޭޝަނަލް ބޭންއަށް އެހީއެއްގެ ގޮތުން، ސަރުކާރުން މިހާރު އަންނަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ސިޒޭޝަން ކްލިނިކްތައް ވެސް ހިންގަމުންނެވެ. އެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކޮށްފައިވާ އިރު، އެކަމަށް ބޭނުންވާ ގަމާއި ޕެޗް ވެސް އާސަންދައިގެ ދަށުން ހިލޭ ލިބެ އެވެ.
އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުންފަތް ހުއްޓާލަން ބޭނުންވެގެން ސިޒޭޝަންގެ ހިދުމަތް 2،003 މީހަކު ހޯދާފައިވެ އެވެ. އަދި އޭގެ ތެރޭން 375 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ގައިން ގަޔަށް އަރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އެހެންވެ ދުންފަތް ބޭނުންކުރުން ހުއްޓުވުމަށް އެޗްޕީއޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.