Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ފޭދޫގައި ހުންނަ ސިޓީ ފިއުލް ސަޕްލައިގެ ތެޔޮ ޝެޑް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިއަދު ބޮޑުކޮށްފި އެވެ.

އައްޑޫގައި ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ، 24.22 ރުފިޔާއަށެވެ. މީގެކުރިން ޕެޓްރޯލް ލީޓަރެއް އައްޑޫގައި 18.56 ރުފިޔާ ލިބެ އެވެ.

ޑީސަލް ލީޓަރެއް މިހާރު އައްޑޫން ލިބެނީ 31.34 ރުފިޔާއަށް ކަމަށްވާއިރު ކުރިން ޑީސަލް ލީޓަރެއް ދިޔައީ 19.77 ރުފިޔާއަށް ވިއްކަމުންނެވެ.

އެސްޓީއޯ އިިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާ އިރު، މިދިޔަ މަހުގެ 5 އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގަކީ 16.01ރ. އަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ.އަށެވެ. އަދި ޑީސެލް ލީޓަރެއް މިހާރު 17.54ރ. އަށް ވިއްކަމުން އަންނަ އިރު، ކުރިން ޑީސަލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ.

ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމުންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ރާއްޖެ އަށް ތެޔޮ ގެނަމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.