Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ޕެޓްރޯލް/ޑީސަލްގެ އަގު އުފުލުނީ ތެޔޮ ލިބޭ ރޭޓް ބޮޑުވުމުން

އައްޑޫ ސިޓީގައި ޕެޓްރޯލް އާއި ޑީސަލްގެ އަގު އުފުލުނީ ތެޔޮ ލިބޭ ރޭޓް ބޮޑުވުމުން ކަމަށް އައްޑޫގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ސިޓީ ފިއުލް ސަޕްލައި އިން ބުނެފި އެވެ.

އައްޑޫގައި ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ، 24.22 ރުފިޔާއަށެވެ. މީގެކުރިން ޕެޓްރޯލް ލީޓަރެއް އައްޑޫގައި 18.56 ރުފިޔާ ލިބެ އެވެ. އަދި ޑީސަލް ލީޓަރެއް މިހާރު އައްޑޫން ލިބެނީ 31.34 ރުފިޔާއަށް ކަމަށްވާއިރު ކުރިން ޑީސަލް ލީޓަރެއް ދިޔައީ 19.77 ރުފިޔާއަށް ވިއްކަމުންނެވެ.

ސިޓީ ފިއުލް ސަޕްލައި އިން ބުނީ މި ބަދަލު ގެނެސްފައިވަނީ އެ ކުންފުންޏަށް ތެޔޮ ވިއްކަމުންދާ ރޭޓް ބޮޑުކުރުމުން ކަމަށާއި އަދި އެ ކުންފުންޏަށް މީގެކުރިން ދެމުންދިޔަ ހާއްސަ ރޭޓް ވެސް މިހާރު ކަނޑާލާފައިވާ ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމުންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ރާއްޖެ އަށް ތެޔޮ ގެނަމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.