ރާއްޖެއަށް މިއަދު ލިބިފައި ހުރީ ހެޔޮލަފާ ވެރިއެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު ވިދާޅުވީ ހެޔޮލަފާ ރަނގަޅު ވެރިއަކު ގައުމަކަށް ލިބުމަކީ މަދުން ނޫނީ ނުވާ ކަމެއް ކަމަށާއި އެގޮތުން 2008 އިން ފެށިގެން 2023 ގެ ނިޔަލަށް ތިން ވެރިއަކާ މި ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމު ރައްޔިތުން ހަވާލުކުރި ކަމަށެވެ. ނަމަވެސް ރައްޔިތުންނަށާއި ގައުމަށް ލިބުނު މޮޅެއް އަދި ފައިދާއެއް ވެސް ނެތް ކަމަށާއި މިއީ މިއަދު ދިވެހި ރައްޔިތުން ފުންކޮން ވިސްނާލަންޖެހޭ ކަމެއް ކަމަށް މުހައްމަދު ވިދާޅުވި އެވެ.
މުހައްމަދު ވަނީ ރައްޔިތުންގެ އެތައް ބައެއްގެ އިޚްލާސްތެރި ބުރަ މަސައްކަތުން މިއަދު މި ގައުމަށް ލިބިފައި ހުރީ ހެޔޮލަފާ، އިޚްލާސްތެރި އަދި ގައުމާއި ރައްޔިތުންދެކެ ލޯބިވާ ރައްޔިތުންގެ އަޑުއައްސަވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނުއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ކައުންސިލްގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވާފަ އެވެ.
އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.