ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ ދައްތަ ރިދިމާ ކަޕޫރް ސާނީގެ ފުރަތަމަ ފީޗާ ފިލްމު 'ދާދީ ކީ ޝާދީ' ގެ ޕޯސްޓަރު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
ރަންބީރްގެ މަންމަ ނީތޫ ކަޕޫރް ވެސް ކާސްޓްގައި ހިމެނޭ މި ފެމިލީ ކޮމިޑީ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 8 ގަ އެވެ. 'ދާދީ ކީ ޝާދީ' ގެ ކާސްޓްގައި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ ސާދިއާ ޚަތީބު ވެސް ހިމެނެ އެވެ.
މި ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އާޝިޝް އާރް މޯހަން އެވެ.
ރިދިމާ އަލަށް ފީޗާ ފިލްމަކުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވާ އިރު، އޭނަގެ މީގެ ކުރިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ނެޓްފްލިކްސް އަށް ގެނެސްދިން މަގުބޫލު ރިއަލިޓީ ސީރީޒް 'ފެބިއުލަސް ލިވްސް ބޮލީވުޑް ވައިވްސް' ގެ ތިން ވަނަ ސީޒަނުން ފެނިފައިވެ އެވެ.
ރިދިމާ އެކްޓިން ހުނަރު 'ދާދީ ކީ ޝާދީ' އިން ދައްކައިލާ އިރު، އޭނަގެ ކޮއްކޮ ރަންބީރަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް އެކްޓަރެވެ. ބައްޕަ އަދި މަރުވެފައިވާ އެކްޓަރު ރިޝީ ކަޕޫރަކީ ކުރީގެ ވަރަށް ކާމިޔާބު އެކްޓަރެވެ.
ރިދިމާގެ މަންމަ ނީތޫ އަކީ ވަރަށް ކުޑައިރުން ފެށިގެން ފިލްމީ މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.