ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫގެ ރައީސް ހޮވުމުގައި މައްސަލަ ޖެހުނު ވޯޓު ފޮށި އަލުން ގުނިއިރު، އެއް ވޯޓުގެ ތަފާތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ (އެމްޑީއޭ) ކެންޑިޑޭޓު ކާމިޔާބުކޮށްފި އެވެ.
އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށް ޚާއްސަކޮށްފައިވާ ބިއުރޯއިން މި ފޮށި އަލުން ގުނަން އެންގީ، ފޮށީގެ ނަތީޖާ އެއްވަރުވެފައިވާ ކަމަށް ބުނެ އެމްޑީއޭއިން ހުށަހެޅި މައްސަލަ ބެލުމަށްފަހުގަ އެވެ.
އެ ވޯޓު ފޮށި އަލުން ގުނުމަށްފަހު އިއުލާން ކުރި ނަތީޖާގައިވާ ގޮތުން، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ޝާހިދަށް ލިބުނީ، 127 ވޯޓެވެ. އަދި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 114 ވޯޓު ލިބުނު އިރު އަމިއްލަ ގޮތުން ނުކުންނެވި އިބްރާހީމް ނަސީމަށް 36 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން 17 ވޯޓެއް ވަނީ ބާތިލުވެފަ އެވެ.
އެއާއެކު ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ އެއްކޮށްލުމުން، އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބުނުއިރު، ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ސުހާއަށް 391 ވޯޓު ވަނީ ލިބިފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 100 ވޯޓެވެ.
އެ ފޮށީގެ ވޯޓު އަލުން ގުނިއިރު ވެސް ކުރިން ބާތިލުވި ވޯޓު އަނެއްކާވެސް ވަނީ ބާތިލުވެފަ އެވެ. އެއާއެކު ސުހާއަށް ލިބިފައިވާ ވޯޓެއް ބާތިލުކުރުމުން ކަމަށް ބުނެ އެ ތަނުގައި ތިބި މީހުން ވަނީ އަޑުގަދަކޮށް ހަމަނުޖެހުން ވެސް ހިންގާފަ އެވެ.