Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ކަންދެއްކުމުގެ ނުބައިކަން!

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ.

[ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ އެމީހަކާއި ޚިލާފަށް ނިޔާ އިއްވެވޭނެ އެކަކީ ޝަހީދުވި މީހާ އެވެ. ފަހެ އޭނާ ގެނެވޭނެ އެވެ. ދެން ޞުބްހާނަހޫ ވަތަޢާލާ އޭނާއަށް ދެއްވެވި ނިޢުމަތްތައް އޭނާ އަށް ހަނދާންކޮށް ދެވޭނެ އެވެ. އަދި އެ ނިޢުމަތްތައް އޭނާގެ ހަނދާނަށް އަތުވެދާނެއެވެ. ﷲ ވަޙީކުރައްވާނެތެވެ.

“އެ ނިޢުމަތައްތަކުގެ ބަދަލުގައި ތިބާ ދުނިޔޭގައި ކުރީ ކޮން ކަމެއްތޯ އެވެ؟”

އޭނާ ބުނާނެ އެވެ.

“ތިމަންނަ މި ވަނީ އިބަ އިލާހުގެ މަގުގައި ޖިހާދު ކުރަނިކޮށް ޝަހީދުވެފަ އެވެ.”

ވަޙީކުރައްވާނެއެވެ. “ތިބާ ހަދަނީ ދޮގެވެ. ތިބާ ހަނގުރާމަކުޅައީ ގަދަފަދަ މީހެކޭ ބުނުވުމަށެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ބުނެވިއްޖެ އެވެ.”

ދެން އިލާހީ އަމުރުފުޅުގެ ދަށުން އޭނާ މޫނުވަތަށް ބިމުގައި އަޅާ ދެމެމުން ގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.

އަދި (އެފަދަ އަނެއް މީހަކީ) ޢިލްމު އުގެނުނު މީހެކެވެ. އަދި އެހެން މީހުންނަށް އުގަންނާދިން މީހެކެވެ. އަދި ޤުރުއާން ކިޔަވައިދޭ މީހެކެވެ. ފަހެ އެމީހާ ގެނެވޭނެއެވެ. ދެން ޞުބްހާނަހޫ ވަތަޢާލާ އޭނާއަށް ދެއްވެވި ނިޢުމަތްތައް އޭނާއަށް ހަނދާންކޮށްދެވޭނެއެވެ. އަދި އެ ނިޢުމަތްތައް އޭނާގެ ހަނދާނަށް އަތުވެދާނެއެވެ.

ވަޙީކުރައްވާނެތެވެ. “އެ ނިޢުމަތައްތަކުގެ ބަދަލުގައި ތިބާ ދުނިޔޭގައި ކުރީ ކޮން ކަމެއްތޯއެވެ؟”

އޭނާ ބުނާނެތެވެ. “ތިމަންނަ ޢިލްމު ޙާޞިލްކުރީމެވެ. އަދި އެހެންމީހުންނަށް އުނގަންނައި ދިނީމެވެ. އަދި އިބަ އިލާހުގެ ރުއްސެވުން އެދި ޤުރުއާން ކިޔެވީމެވެ.”

ވަޙީކުރައްވާނެތެވެ. “ތިބާ ހަދަނީ ދޮގެވެ. ނަމަވެސް ތިބާ ޢިލްމު ޙާޞިލްކުރީ ދަންނަބޭކަލެކޭ ބުނުވުމަށްޓަކައެވެ. އަދި ތިބާ ޤުރުއާން ކިޔެވީ ޤާރީބޭކަލެކޭ ބުނުވުމަށްޓަކަ އެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ބުނެވިއްޖެ އެވެ.”

ދެން އިލާހީ އަމުރުފުޅުގެ ދަށުން އޭނާ މޫނުވަތަށް ބިމުގައި އަޅާ ދެމެމުން ގޮސް ނަރަކައަށް އެއްލައިލެވޭނެ އެވެ.

އަދި (އެފަދަ އަނެއް މީހަކީ) ޞުބްޙާނަހޫ ވަތަޢާލާ ތަނަވަސްކަންދިން މީހެކެވެ. އަދި އެމީހާއަށް ތަފާތު މުދާވެރިކަން ދެއްވިއެވެ. ފަހެ އޭނާ ގެނެވޭނެއެވެ. ދެން ޞުބްހާނަހޫ ވަތަޢާލާ އޭނާއަށް ދެއްވެވި ނިޢުމަތްތައް އޭނާއަށް ހަނދާންކޮށް ދެވޭނެއެވެ. އަދި އެ ނިޢުމަތްތައް އޭނާގެ ހަނދާނަށް އަތުވެދާނެ އެވެ.

ވަޙީކުރައްވާނެތެވެ. “އެ ނިޢުމަތައްތަކުގެ ބަދަލުގައި ތިބާ ދުނިޔޭގައި ކުރީ ކޮން ކަމެއްތޯ އެވެ؟”

އޭނާ ބުނާނެއެވެ. “އިބަ އިލާހު ރުއްސަވާ އެންމެހާ ކަންތައްތަކުގައި ތިމަންނަ މުދާ ހޭދަކުރީމެވެ.”

ވަޙީކުރައްވާނެތެވެ. “ތިބާ ހަދަނީ ދޮގެވެ. ނަމަވެސް ތިބާ ހޭދަކުރީ ދީލަތި މީހެކޭ ބުނެވުމަށެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ބުނެވިއްޖެ އެވެ.”

ދެން އިލާހީ އަމުރުފުޅުގެ ދަށުން އޭނާ މޫނުވަތަށް ބިމުގައި އަޅާ ދެމެމުން ގޮސް ނަރަކައަށް އެއްލައިލެވޭނެ އެވެ.

މަސްދަރު: އިލްމު.އެމްވީ