މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށްފަހު، އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތައް ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
ޅ. ހިންވަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައަކާ ހުރެ ޕާޓީގެ އިސްކޮށް ތިބި ހުރިހާ ލީޑަރުން ދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އިއްޔެ ވެސް އަދި ރޭގައި ވެސް އެކަމަށް ކުރި މަސައްކަތުން މިހާރު މިކަމަށް ހައްލެއް ހޯދިފައިވާ ކަމަށެވެ.
"އާންމު މެންބަރުން މިއެދޭ ގޮތަށް ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާ ހިސާބަށް އައިއިރު ހޯދިއްޖެ. އަޅުގަނޑުމެން އެމްޑީޕީ ކުރިއަށްދާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ލީޑަރޝިޕް އެކީގައި އޮވެގެން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ 2028 ވަނަ އަހަރު ރާއްޖޭގައި އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެކަން ހާސިލުކުރުމަށް ޕާޓީގެ ހުރިހާ ލީޑަރުން އެކުގައި ހިމެނޭ ގޮތަށް ރޭވިގެން މަސައްކަތް ކުރާތަން ޕާޓީގެ އާންމު މެމްބަރުންނަށް ދެން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދުނުއިރު، މީގެ ކުރިން ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ބައިބައިވެގެން ގޮސްފައިވެ އެވެ.