ވޯޓު ނިމުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދަކަށް މަޑުޖެހުމެއް އައިސްފައި ނުވާ ކަމަށާއި ދެން އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ތ. ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ފެށުމާ ގުޅިގެން ޝުޖާއު ވިދާޅުވީ ވޯޓް ނިމިފައިވާ ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދުފުޅަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައި ނުވާ ކަމަށެވެ. އަދި ދިވެހިން ދެކެމުން މިދަނީ އުފާފާގަތި ދުވަސްތަކެއް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
"އެމްޑީޕީ ސަރުކާރުން ނެގި ބޮޑު ލޯނު ހަލާސް ކުރުމާއެކު ދިވެހީން ދެން ދެކޭނީ އިންޝާالله މާ އުޖާލާ ދުވަސްތަކެއް،" ޝުޖާއު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނުއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ކައުންސިލްގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވާފަ އެވެ.
އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.