މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކާ މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، މަޓީގެ އިސް ބޭފުޅުންނާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަޕްލަޔަރުން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުމެވެ.
ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ޙައްލު ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި، މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކޮށްފަ އެވެ.