ޖިރޯނާއާ 1-1 އިން އެއްވަރުވެ ސްޕެނިޝް ލީގު ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި ރެއާލް އޮތީ 31 މެޗުން ލިބުނު 70 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެ 76 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ބާސާ އިން މިރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ އެސްޕަނިޔޯލްއާ ދެކޮޅަށެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 51 ވަނަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. މިއީ ޖިރޯނާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ތޯމަސް ލެމާ ވަނީ ޖިރޯނާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ރެއާލްގެ އޭރިއާގެ ބޭރުގައި ހުރެ ލެމާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކިލިއަން އެމްބާޕޭއަށް ޖިރޯނާގެ އޭރިއާ ތެރެއިން ފައުލް ކުރި ކަމަށް ބުނެ ރެއާލްގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް ރެފްރީ އެޓީމަށް ޕެނަލްޓީ ދީފައެއް ނުވެ އެވެ.
ރެއާލަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބުކުރީ ބަޔާނުންނެވެ.