ޓޫރިޒަމް ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ފަސްޓް އެއިޑް ތަމްރީން ޕްރޮގްރާމް ފަށައިފި އެވެ.
ސައިރިކްސް ކޮލެޖްގައި ބުރާސްފަތި ދުވަހު ފެށި މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 23 ބައިވެރިން ބައިވެރިވެ އެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ހެލްތު މިނިސްޓްރީ އަދޮ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މީގެ ތެރެއިން ހޮވާލެވޭ ބައިވެރިންނަށް އިތުރު ތަމްރީންދީ ފުރަތަމަ އެހީ ޕްރޮގްރާމް ހިންގާނެ ޓްރެއިނަރުންގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވެ އެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، މި ޕްރޮގްރާމްގެ އަލީގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ފަސްޓް އެއިޑާއި ސީޕީއާރު ދިނުމަށް ތަމްރީން ކުރުމުން ރާއްޖޭއަކީ ޓޫރިސްޓުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ހާލަތްތަކުގައި އިޖާބަ ދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކު ރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީން ދޭނީ ދިވެހި ރެޑް ކްރެސެންޓްގެ ފަންނީ ބޭފުޅުންނެވެ.