އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާއްސަ ޝުކުރެއް ދަންނަވައިފި އެވެ.
ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ އެތެރޭގައި އުފެދުނު ހިލާފުތައް ހަމަޖެއްސެވުމަށް ފައްޔާޒް ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފައްޔާޒަށް ނަޝީދު ޝުކުރު ދަންނަވާފައި މި ވަނީ މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަން މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުލިބުމުން، އެ މަނިކުފާނުގެ ފެކްޝަނުން، ޕާޓީގެ ތެރޭގައި ކޯޅުން އުފެދިމ ވަގުތީ ޗެއާޕާސަން އަބްދުލް ޢަފޫރު މޫސާ މަގާމުން ވަކިކުރަން ގައުމީ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މަޝްވަރާ ކުރައްވައި، މައްސަލަތައް ހައްލު ކުރެއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އިބޫ ވިދާޅުވެފައި ވަނީ ޖެހުނު މައްސަލަތައް ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިފައިވާ ކަމަށެވެ.
"އާންމު މެންބަރުން މި އެދޭ ގޮތަށް ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާ ހިސާބަށް އައިއިރު ހޯދިއްޖެ،" ޅ. ހިންވަރުގައި ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެމްޑީޕީ ކުރިއަށް ދާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ލީޑަޝިޕް އެކީގައި އޮވެގެން،."
ނަޝީދަކީ 2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކުރައްވައި ބަލިވެވަޑައިގަތުމުން އެ ޕާޓީ ދޫކޮށްލައްވައި ދަ ޑިމޮކްރެކްޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި ބޭފުޅެކެވެ. އެކަމަކު ފަހުން އެ ޕާޓީގައި ތިބެގެން ސިޔާސީ ކުރިމަގެއް ނެތް ކަމަށް ބުނެ ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ މެންބަރުން 2024 ގައި ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.