Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޑްރަގު ވިޔަފާރިކުރާ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް، މި މަހުގެ 8 ވަނަ ދުވަހުގެ ރޭ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގަ އެވެ.